އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އެވަޓަން މޮޅުވެއްޖެ އެވެ.
އެވަޓަންގެ އައު ސްޓޭޑިއަމްގައި ކަމުގައިވާ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ފަންސާސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމާއި އަލަށް ގުޅުނު މެންޗެސްޓަރ ސިޓީގެ ޖެކް ގްރީލިޝް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 23 ވަނަ މިނިޓުގައި އެވަޓަންގެ އިލިމަން އެންޑިއާއޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދާފަ އެވެ.
އެވަޓަން އިން ލަނޑު ޖަހާ ކުރި ހޯދި ނަމަވެސް ފުރަތަމަ ހާފުގައި ބްރައިޓަން އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް އެވަޓަންގެ ގޯލުގެ ދަނޑީގައި ވަނީ ޖެހިފަ އެވެ.
މި މެޗުގައި އެވަޓަން އިން ޖެހި ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޖޭމްސް ގަރނަރ ކާމިޔާބުކޮށްދިން ލަނޑެކެވެ. އެވަޓަން އިން މި މެޗުގައި ޖެހި ދެ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޖެކް ގްރީލިޝް އެވެ.
ބްރައިޓަން އަށް މި މެޗުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަގަޅު ފުރުސަތަކީ މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އެވެ. މި މެޗުގައި ގިނަ ފުރުސަތުތަކެއް ހޯދި ބްރައިޓަންގެ ޑެނީ ވެލްބެކް ފޮނުވާލި ޕެނަލްޓީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.