ޚަބަރު

"ކެނދިކުޅުދޫ ހޮސްޕިޓަލުގެ ޚިދުމަތް އަންނަ އަހަރު ފެށޭނެ"


  • ކެނދިކުޅުދޫގައި މިވަގުތު ޚިދުމަތް ދެނީ ޞިއްޙީ މަރުކަޒަކުން

  • މި ދައުރު ނިމުމުގެ ކުރިން ވެލިދޫގައިވެސް އައު ހޮސްޕިޓަލެއް ހުޅުވައި، ހިދުމަތް ދޭން ފެށޭނެ

  • ނ.އަތޮޅުގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ އަންނަމުން

ނ. ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ނ. ވެލިދޫ ސިއްހީ މަރުކަޒައް 25 އަހަރު ފުރުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ މުޅި ނ. އަތޮޅުގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫ، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް އަދި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޑައިލިސިސްއާއި ދަތުގެ ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވިފައިވާއިރު ނ. ހޮޅުދޫ ޞިއްޚީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތްވެސް މިހާރު ލިބޭނެކަމަށެވެ. މީގެ އިތުރުން ނ. އަތޮޅުގައި މިހާރު ކުރިއަށްދާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ދަށުން ނ.ކެނދިކޮޅުދޫގައި އަލަށް ޢިމާރާތްކުރެވޭ ހޮސްޕިޓަލް ނިމި، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނ. ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކުރެވޭ ހޮސްޕިޓަލް ނިމި، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ދަނީ ތައްޔާރުވަމުން. އަދި އަތޮޅުގެ ރަށްތަކުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ނެތް 8 ރަށުގެ ތެރެއިން 3 ރަށެއްގައި މިހާރު އެ ޚިދުމަތް ޤާއިމުކުރެވިފައިވާއިރު، ބާކީ 5 ރަށުގައި ލެބޯޓްރީ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ދަނީ ކުރިއަށް. މިއީ މުޅި މި ސަރަޙައްދުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ތަސައްލީއަކާއި ފަސޭހައެއް. މި އަތޮޅުގެ ޞިއްޙީ ދާއިރާއަށް ގެނެސްދެއްވި މި އަގުހުރި، އިންޤިލާބީ ތަރައްޤީއަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރިކަމާއެކު ނުހަނު ބޮޑަށް ޝުކުރު ދަންނަވަން" ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ ނ. ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރިގެންދާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ މަރުކަޒުން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކީ އަގުވަޒަންކުރަންޖެހޭ ފަދަ މުހިންމު ޚިދުމަތްތަކެއްކަމަށެވެ. އަދުގެ ސަރުކާރުން މި މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ވަނީ ޙާޞިލުކުރެވިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެތެރެހަށީގެ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުގެ ޚިދުމަތާއި، އާންމުންނަށް ނުހަނު ބޭނުންތެރި ޑަޔަލިސިސްގެ ޚިދުމަތުގެ އިތުރުން އެކްސްރޭގެ ޚިދުމަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ތަޢާރަފުކުރެވިފައިކަމަށެވެ. މީގެއިތުރުން، ބިދޭސީންގެ ވޯކްޕާމިޓް މެޑިކަލް ހެދުމުގެ އިންތިޒާމާއި، ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި ވެލިދޫގައި ސްޓޭޝަންކޮށްފައިވާ ސީ-އެމްބިއުލާންސްގެ ޚިދުމަތްވެސް ފެށިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މަރުކަޒުގެ މުވައްޒަފުންގެ ޢަދަދުވެސް ވަނީ އިތުރުކުރެވިފައިކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ މިވަގުތު ވެލިދޫގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ 30 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މި ދައުރު ނިމުމުގެ ކުރިން އައު ހޮސްޕިޓަލް ހުޅުވި، މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމާއެކު، ކޮންމެ މީހަކުވެސް އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ދުޅަހެޔޮ ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ސާފުތާހިރުކަމަށް އިސްކަންދިނުމަކީ އާންމު ސިއްހަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ވަރަށް މުހިންމު ބަދަލުތަކެއްކަމަށް ފާހަގަކުރައްވާފައެވެ..