ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް ގުޅިގެން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް"އަށް އެހީތެރިވުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާއާއެކު، ދަރަވަންދޫގައި ޤާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ މުރަކަ ފާމުގެ އެއްބާރުލުމާއެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރީސާޗު އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުޤުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެރަށުގެ ފަތުރުވެރިކަމަށާއި، މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށްވެސް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ. މި ޕްރޮގްރާމުގެ ދަށުން ފަރުތައް އާލާކުރުމާއި، ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 30 އާއި 50 ނާސަރީ ސްޓްރަކްޗަރ އެކުލެވޭގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުރަކަ އިންދުމާއި، އާލާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމާއި، ޒުވާނުންނަށް ޚާއްސަ ތަމްރީނުތަކާއި ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގައި، މުޖުތަމައުގެ ބައިވެރިވުމާއެކު ފަރުތަކުގެ ދިރުން އަލުން އިއާދަކުރުމަށް މި ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރެވޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކަށްފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާއިއެކު ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށްވެސް ރާވާފައިވާކަމަށް ދިރާގުން ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯސަލް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، މުރަކަ ފާމާއި ދަރަވަންދޫ މުޖުތަމައުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި މުހިންމު ޕްރޮގްރާމުގައި ސޮނޭވާ ސީއެސްއެމްއާއެކު ޕާޓްނަރވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޕްރޮގްރާމް އެންމެ ޚާއްސަވާ ސަބަބަކީ، މިއީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުމުން މީގެ ސަބަބުން މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރި ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، ޖޯހާނާ ލިއޮންހާޑް ޕީއެޗްޑީ ވިދާޅުވީ، ދިރާގާއި ގުޅިގެން މުރަކަ ފާމާއި، ސީދާ ދަރަވަންދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުރަކަ ރެސްޓޯރޭޝަން ޕްރޮގްރާމަށް އެހިތެރިވުމަކީ، ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ އެކަމަށް ބޭނުންވާ ޢިލްމާއި ހުނަރު މުޖުތަމައުގެ ތެރޭގައި ދިރުވައިގެން ކަމަށެވެ. އެހެންކަމުން ދިރުން ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނުތަކާއެކު މުޖުތަމައު ބާރުވެރިކުރުވައި، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ، މީގެ ސަބަބުން އެރަށުގެ ފަރަށް ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތަކަށް ވެގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސޮނޭވާ ސީއެސްއެމްއަކީ މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރާސާތައް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރު ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަސައްކަތްތައް ބިނާވެފައިވަނީ، ސައިންޓިފިކް ދިރާސާތަކާއި އަމަލީގޮތުން ފަރުތައް އިއާދަކުރުމުގެ މައްޗަށެވެ. މީގެއިތުރުން އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމާއި، ތައުލީމާއި ހޭލުންތެރިކަން އިތުރު ކުރުމާއި އަދި ރާއްޖޭގެ ފަރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދިރުންތައް ދެމެހެއްޓުމަށްޓަކައި، ދާއިރާގެ ޤާބިލުކަން އިތުރު ކުރުމަށް މި ޖަމިއްޔާއިން ދަނީ ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މުޖުތަމައުތައް ބާރުވެރި ކުރުމަށް އިސްކަންދީ، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރާ މުހިންމު މަސައްކަތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުންދެއެވެ.