ޚަބަރު

މޫސުން ތަންނުދިނުމުން ހޯރަފުށި އެއަރޕޯޓް ހުޅުވުން މިމަހުގެ 19އަށް ފަސްކޮށްފި


މޫސުން ގޯސްވުމުގެ ސަބަބުން ހޯރަފުށީ އެއަރޕޯޓް ހުޅުވުން އަނެއްކާވެސް ފަސްކޮށްފިއެވެ. މިހާރު މި އެއަރޕޯޓް ހުޅުވަން ތާވަލްކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުން ގޯސްވުމުގެ ސަބަބުން މީގެ ރާއްޖޭގެ އެންމެ އުތުރުން ހއ.އިން ފެށިގެން ތ.އަތޮޅާ ހަމައަށްވަނީ ވައިޓް އެލަރޓް ނެރެފައެވެ. މޫސުން ގޯސްވެ، ހޯރަފުށީ އެއަރޕޯޓް ހުޅުވުން ފަސްކޮށްފައިވާއިރު، އެއަރޕޯޓް ހުޅުއްވާދެއްވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަޑައިގަތުންވެސް މިހާރުވަނީ މިމަހުގެ 19އަށް ފަސްކުރައްވާފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދުވަހުގެ މެދުރުފަހު 1 ޖަހާއިރު ހއ.ހޯރަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުމަށް ބާއްވާ ރަސްމީ ޖަލްސާ މިހާރު ތާވަލުކޮށްފައިވަނީ 19ވަނަ ހަވީރު 4 ޖަހާއިރަށެވެ. ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް މުޅި ރަށްވަނީ ޒީނަތްތެރިކޮށްފައެވެ. އަދި މި އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އުތުރުގެ އެކި ރަށްރަށުން މީހުން މިހާރުވެސް ދަނީ ހޯރަފުއްޓަށް އަންނަމުންނެވެ. ހޯރަފުށީ އެއަރޕޯޓް ހުޅުވުން ފަސްކޮށްފައިވާއިރު، މި އެއަރޕޯޓްގައި އިއްޔެ ވަނީ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ. މިއާއެކު ހޯރަފުށީ އެއަރޕޯޓްވެގެން ގޮސްފައިވަނީ، އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ބިން ހިއްކައިގެން ޓެސްޓް ފްލައިޓް ޖެއްސި އެއަރޕޯޓަށެވެ.

ދޮޅުއަހަރު ދުވަހުގެ ތެރޭގައި ހއ. ހޯރަފުށީ އެއަރޕޯޓްގެ ބިން ހިއްކާ މަސައްކަތް މުޅިން ނިންމާލާފައިވާއިރު، މި އެއަރޕޯޓަކީ މިހާރު ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެވެ.
198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ.ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.