ދުނިޔޭގެ ވިޔަފާރި

މިދިޔަ ކުއާޓަރުގައި ފޭސްބުކްއަށް ލިބުނު އާމްދަނީ އިތުރު


ފޭސްބުކްގެ ތިންވަނަ ކުއާޓާގެ އާމްދަނީ އިތުރުވިނަމަވެސް، 2021 ވަނަ އަހަރަކީ އުނދަގޫ އަަހަރަކަށް ވާނެކަމަށްް އެ ކުންފުނިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ފޭސްބުކްއަށް ތިންވަނަ ކުއާޓާގައި 21.47 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓާއާއި އަޅާބަލާއިރު 3.82 ބިލިއަން އިތުރު އަދަދެކެވެ. އަދި މި ކުއާޓާގައި އާމްދަނީއަށް ލިބޭނެކަމަށް ލަފާކުރި 19.82 ބިލިއަންއަށްވުރެ 1.65 ބިލިއަން އިތުރު އަދަދެކެވެ. ފޭސްބުކްއިން ތިންވަނަ ކުއާޓާގައި ހޯދި ކާމިޔާބީއާއި ގުޅޭގޮތުން އެ ކުންފުނިން ވަނީ މި ކާމިޔާބީއަކީ ކޯވިޑްގެ ސަބަބުންގެ ފުރަބަންދުވެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން އިތުރުވެރުމުގެ ސަބަބުން އައި ކުރިއެރުމެއްކަމަށް ބުނެފައެެވެ. އެގޮތުން މި ދުވަސްވަރުގައި ކުންފުންޏަށް އޮންލައިން އިސްތިހާރުތަކުން ލިބުނު އާމްދަނީ ވަނީ ރިކޯޑް މިންރަކަށް އިތުރުވެފައެވެ. އެގޮތުން ފުރަބަންދުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރި ކުންފުނިތަކުގެ ތެރޭަގައިވެސް ފޭސްބުކް ހިމެނެއެވެ. ފުރަބަންދަށް ލުއިތައްދީ އައު އާންމު ޙާލަތުގައި ދިރިއުޅުން ފެށުމުންވެސް އޮންލައިން މީޑިއަމްއަށް އޮތް ޑިމާންޑް ކުޑަނުވެ އިތުރަށް ފުޅާވުމުގެ ސަބަބުން ތިން ވަނަ ކުއާޓާގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަމަށް ފޭސްބުކްއިން ވަނީ ބުނެފައެެވެ.

ފޭސްބުކްއިން މި ދަތި ދަނޑިވަޅުގައިވެސް ވިޔަފާރީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، 2021 އަހަރާއިމެދު ކުންފުނީގެ ތަޞައްވަރު އެހާ ސާފު ނޫންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން މިއަހަރުގެ ބޮޑު ކާމިޔާބީއަށްފަހު އަންނައަހަރު ވިޔަފާރި ދަށްވާނެކަމަށް ލަފާކޮށްފައިވާއިރު، އެޕަލްފަދަ ކުންފުނިތަކުން އެ ކުންފުނީގެ އުފެއްދުންތަކުގެ ޕްރައިވެސީ ސެޓިންގްއަށް ގެނައި ބަދަލުތަކުގެ ސަބަބުން ފޭސްބުކްގެ މައި ވިޔަފާރިކަމުގައިވާ އޮންލައިން އިސްތިހާރުތަކަށް ބޮޑު ހުރަހެއް ކުރިމަތިވާނެކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި މިކަމަށް ފޭސްބުކްއިންވެސް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ކޯވިޑްގެ ޙާލަތު ރަނގަޅުވަމުންދާ ވަރަކަށް އޮންލައިން ވިޔަފާރިއަށް އޮތް ޑިމާންޑް ކުޑަވެ ފޭސްބުކްގެ އާމްދަނީއަށް ސީދާގޮތެއްގައި އަސަރުކުރާނެކަމަށް އެކުންފުނިން ވަނީ ލަފާކޮށްފައެވެ. މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް ތައްޔާރަށް ތިބުމަށް ފޭސްބުކްއިން ވަނީ އެ ކުންފުނީގެ އިންވެސްޓަރުންވެސް އިންޒާރުދީފައެވެ.

މިއަހަރުގެ ތެރޭގައިވެސް ބައެއް މާކެޓްތަކުގެ ވިޔަފާރި އަޑިއަޅާލާފައިވުމަކީ މިކަމުގެ ހެތްކެތްކަމަށް ފޭސްބުކްއިން ވަނީ ބުނެފައެވެ. އެގޮތުން އެމެރިކާއާއި ކެނެޑާ ހިމެނޭ ނޯތް އެމެރިކާ ސަރަަހައްދުގެ ފޭސްބުކްގެ ވިޔަފާރި ކުރިނާރާ އަޑިއަޅާލުމުން އިންވެސްޓަރުން މާޔޫސްވެފައިވާއިރު، އަންނަ އަހަރު މިއަށްވުރެ ބޮޑު އަޑިއަޅާލުމަކަށް ތައްޔާރުވާންޖެހޭނެކަމަށް ތަޖުރިބާކާރުންވެސް ދަނީ ބުނަމުންނެވެ.

2021 ވަނަ އަހަރަކީ އުނދަގޫ އަަހަރަކަށް ވާނެކަމަށްް ފޭސްބުކްއިން ލަފާކޮށްފައި މިވަނީ، ހޭޓް ސްޕީޗްގެ މައްސަލަގަނޑެއްގައި ބައެއް ޤައުމުތަކުންނާއި ބޮޑެތި އިންވެސްޓަރުން ފޭސްބުކަށް ދަތިކުރުމުގެ ފިޔަވަޅުއަޅާ ބޮއިކޮޓްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންމަމަވެސް، ބޮއިކޮޓް ކުރުމުގެ މިފިޔަވަޅުގެ އަސަރެއް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދަށް ބަލާލުމުން ފެނިގެން ގޮސްފައެއް ނުވެއެވެ. އެގޮތުން މަހުން މަހަށް ބަލާނަމަ ފޭސްބުކް ބޭނުންކުރާނެކަމަށް ކުރިން ލަފާކުރި 2.70 ޔޫސަރސްގެ އަދަދު އިތުރުވެ މިދިޔަ މަހު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު 2.74 ބިލިއަނަށް ވަނީ އަރާފައެވެ.