ތިމާވެށި

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެޅުމަށް ޚާއްސަ ޑަސްބިންތަކެއް ހުޅުމާލޭގައި ބަހައްޓައިފި


ޕްލާސްޓިކް ކުނި އުކާލުމަށް ޚާއްސަ ޑަސްބިންތަކެއް ހުޅުމާލޭގައި ބަހައްޓައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، މި ޑަސްބިންތައް ބަހައްޓާފައިވަނީ، ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޕާލޭ މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށެވެ. މިއެއްބަސްވުމުގެ ފުރަތަމަ ހަރަކާތެއްގެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކުނި އެޅުމަށް ޚާއްސަ 3 ޑަސްބިނެއް ހުޅުމާލޭގެ 3 ސަރަޙައްދެއްގައި މިހާރު ބަހައްޓާފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވިއެވެ.

މި ޑަސްބިންތައް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވަނީ ހުޅުމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ. ވަކިން ޚާއްސަކޮށް ހުޅުމާލެ ގޮނޑުދޮށް ސަރަޙައްދު ބޭނުންކުރާ މީހުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ތަކެތި ބޭނުންކުރުމަށްފަހު ގޮނޑުދޮށަށް އުކާލުމުގެ ބަދަލުގައި މި ޑަސްބިންތަކުގެ ބޭނުން ހިފުމަށް ސުހައިލް ވަނީ އިލްތިމާސްކުރައްވާފައެވެ.

މި 3 ޑަސްބިން ބަހައްޓާފައިވަނީ ހުޅުމާލޭ ނެއިބަރހުޑް އެކެއްގެ "ކިކްސް ކެފޭ ކުރިމަތި، ނެއިބަރހުޑް ދޭއްގެ "ސްޕައިސް ކެފޭ" ކުރިމަތި، ނެއިބަރހުޑް ތިނެއްގެ "ރިވެތި ބީޗް ގެސްޓް ހައުސް" ކުރިމަތީގައެވެ.

ހުޅުމާލޭގައި ތިމާވެށި ރައްކާތެރިކުރުމަށްޓަކާ އެޗް.ޑީ.ސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން މީގެ ކުރިންވެސް އެކޯޕަރޭޝަނުން ވަނީ އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.