ޚަބަރު

މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް


  • ރޯވެފައިވަނީ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި

  • ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރު

މ.އަފްޒާ ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ. ރޯވެފައިވަނީ އޭގޭގެ 6ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައިކަމަށާއި ފަޔަރފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯރ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.