ޚަބަރު

އޮޑިން ކޯޗު ގްރެގޯރިއޯ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި


  • ގްރެގޯރިއޯ އޮޑިއާ ގުޅުނީ މި ސީޒަނުގައި

  • އޮޑިން އައު ކޯޗެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން

އޮޑި ސްޕޯޓްސް ކުލަބާއި މި ސީޒަނުގައި ހަވާލުވި ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ އަމިއްލަ އެދުމުން އޮޑި ސްޕޯޓްސް ކްލަބުން އެއްބަސްވުން އުވާލައިފިއެވެ.

އޮޑި ސްޕޯޓްސް ކުލަބުން ބުރާސްފަތި ދުވަހު ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) އެވެ.

ގްރެގޯރިއޯ އޮޑިއާ ހަވާލުވީ ކަޕް ވިނާސް ކަޕުގެ މެދުތެރެއިންނެވެ. އޮޑިން ކަޕް ވިނާސް ކަޕް ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ. އަދި ގްރެގޯރިއޯގެ އިރުޝާދުގެ ދަށުން އޮޑިން އެންމެ ފަހުން ކުޅުނީ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އޮޑީގެ އޮފިޝަލަކު ބުނީ ގްރެގޯރިއޯ އޮޑިއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ކޯޗު އެކަމަށް އެދުމުން ކަމަށެވެ. އަދި އޮޑިން އިތުރު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން އޮޑިން ވަނީ ރެއާލަށް ކުރިން ކުޅުނު މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒްގެ ސޮއި ހޯދަން ވެސް މަސައްކަތް ކޮށްފައެވެ. އެ ފަހަރު ރޮޑްރިގޭޒް ވަނީ ރާއްޖެވެސް އައިސްފައެވެ. އެކަމަކު ރާއްޖޭގެ ފުޓުބޯޅައިގެ ވަސީލަތް ނެތް ކަމަށް ބުނެ ރޮޑްރިގޭޒްވެސް ސޮއި ނުކޮށް ވަނީ ފުރައިފައެވެ. އޭރު ރޮޑްރިގޭޒް އެންމެ ބޮޑަށް ފާހަގަކުރީ ޓާފުގައި ޕްރެކްޓިސްކޮށް ވިނަ ދަނޑުގައި މެޗު ކުޅެން ޖެހުމުގެ މައްސަލައެވެ.