ޚަބަރު

ޤުރުއާން މުބާރާތަށް ހާއްސަކޮށްފައިވާ ސްކޮލަރޝިޕްގެ އުޞޫލު އާންމުކޮށްފި


  • 1ވަނަ ހާސިލްކުރާ ދަރިވަރުންނަށް ސްކޮލަރޝިޕް ދިނުމަށް ނިންމެވީ މިދިޔަ އަހަރު

  • ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީއާއި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން 1 ވަނައަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފިއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1 ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށްޓަކައި ސްކޮލަރޝިޕް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން 1ވަނައަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލުގައި ވާގޮތުން ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އެ މުބާރާތުގެ 3 ބައިންވެސް 1 ވަނަ ހާސިލްކުރާ ދަރިވަރުންނަށެވެ. ނަމަވެސް މުބާރާތުގެ އެއްބަޔަށް ވުރެ ގިނަ ބައިން މުޅި މުބާރާތުން 1 ވަނައަށް ހޮވިގެން ނުވަތަ މުޅި މުބާރާތުން އެކިފަހަރުމަތިން އެކި އަހަރު އެއް ފަރާތެއް ތަކުރާރުކޮށް 1 ވަނައަށް ހޮވިއްޖެ ހިނދެއްގައި އެ ފަރާތަކަށް ސްކޮލަރޝިޕް ދޭނީ 1 ފަހަރުއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިގްރީއާއ،ި މާސްޓަރސް ޑިގްރީއާއ،ި ޕީއެޗްޑީ ލެވެލްގެ ޕުރޮގުރާމުތައް ފުލްޓައިމްކޮށް ކިޔެވުމަށެވެ. އަދި އެ ލެވެލްތަކުގެ ތެރެއިން އެއްވެސް ލެވެލްއެއް ހާސިލުކޮށްފައިވާ ނަމަ އެ ފަރާތަށް ސްކޮލަރޝިޕުގެ ފުރުޞަތު ލިބޭނީ ހާސިލުކޮށްފައިވާ ސަނަދަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމަށްކަމަށް އުޞޫލްގައިވެއެވެ.

މި އުޞޫލްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުރެގެން ކިޔެވުމަށެވެ. އަދި ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރުން ކިޔަވަން ތިބުމަށް ރައްކާތެރިކަމެއް ކަނޑައެޅިފައިވާ ޤައުމުތަކުގައ،ިމޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށްވެސް ފުރުޞަތު ލިބެއެވެ. މީގެ އިތުރުން ދެ މަރުކަޒެއް ގުޅިގެން އެއް ޤައުމަށް ވުރެ ގިނަ ޤައުމުގައި ކިޔަވާގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ"ޕުރޮގުރާމުތަކުގައި ކިޔެވުމަށްވެސް ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އުސޫލުގެ ދަށުން ދަރިވަރު ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތުދެއެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ލެވެލްތަކުގެ ތެރެއިން ކޮންމެ ލެވެލްއެއްގައި ކިޔެވުމަށް ވެސް ފައިސާ ދިނުމަށް ހަމަޖެހިފައިވާގޮތައް ބަޔާންކޮށްފައިވެއެވެ. ސްކޮލަރޝިޕުގެ ދަށުން ދިވެހިރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް އާންމުކޮށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން ކޮންމެ މަހަކަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ.އަދި ސްޓައިޕެންޑްގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނ،ީކޮންމެ 6 މަހަކުންނެވެ. ނަމަވެސް ދަރިވަރެއްގެ އެކޮމަޑޭޝަނަށްވާ ފައިސާ އެޑްވާންސްކޮށް 6 މަހަށް ވުރެ ދިގު މުއްދަތަކަށް އެއްފަހަރާ ދައްކަންޖެހޭ ހާލަތުގައ،ި 6 މަހަށް ވުރެ ދިގު މުއްދަތެއްގެ ސްޓައިޕެންޑަށްވާ ފައިސާ ކަނޑައަޅާ ގޮތެއްގެ މަތީން ދޫކުރާނެކަމަށްވެސް އުޞޫލްގައިވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހ،ު މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުުމަށްވެސް ވަނީ ހަމަޖެހިފައެވެ. އުޞޫލްގައި ވަނީ ސްކޮލަރޝިޕަށް ހޮވިފައިވާ ފަރާތްތަކުން ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރާތާ މަސްދުވަހުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅަންޖެހޭނެކަމަށެވެ. އަދި އެއަށްފަހު ޢަމަލުކުރަންވީ ގޮތްތައްވެސް އުޞޫލްގައި ވަނީ ކަނޑައަޅާފައެވެ.

މި ސްކޮލަރޝިޕުގެ ދަށުން ފުރަތަމަ ޑިގްރީ ފުރިހަމަކުރާ ތާރީޚުން ފެށިގެން މާސްޓަރސް ޑިގްރީ ފެށުމަށް ގިނަވެގެން ދެވޭނީ 2 އަހަރުދުވަހުގެ މުއްދަތެކެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ޕީއެޗްޑީ ފެށުމަށް ވެސް ގިނަވެގެން ދެވޭނީ 2 އަހަރުދުވަހުގެ މުއްދަތެކެވެ. ނަމަވެސް މަގުބޫލު އުޒުރެއްގެ ސަބަބުން 2 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ކިޔެވުން ފެށުމަށް އުޒުރުވެރިވާ ނަމަ ސަބަބު ބަޔާންކޮށް 2 އަހަރުދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ހުއްދަ ހޯދުމަށްފަހު ހުއްދަދޭ މުއްދަތަކަށް ކިޔެވުން ފެށުން ފަސްކުރެވިދާނެކަމަށް އުޞޫލްގައިވެއެވެ. އަދި ފަސްކޮށްފައިވާ ޕުރޮގުރާމެއް ފެށުމަށް ލިބޭނ،ީ ގިނަވެގެން 2 އަހަރުދުވަހުގެ މުއްދަތެއްކަމަށާއި އެ މުއްދަތުގެ ތެރޭގައި ކިޔެވުން ފަށައިފައިނުވާނަމަ ސްކޮލަރޝިޕް ކެންސަލްވާނެކަމަށްވެސް އުޞޫލްގައިވެއެވެ.

މި އުސޫލުގެ ދަށުން ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ވަކި މުއްދަތަކަށް ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ޚިދުމަތް ކުރަންޖެހެއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތަމްރީނު ދެވޭ ފަރާތެއް ނަމ،ަ އަދި އެ ކޯހުގެ މުއްދަތަކީ 2 އަހަރާއި 4 އަހާރާ ދެމެދުގެ މުއްދަތެއް ނަމަ 5 އަހަރު ދުވަހަށް ޚިދުމަތް ކުރަންޖެހެއެވެ. އަދި ކޯހުގެ މުއްދަތަކީ 4 އަހަރަށްވުރެ ދިގުމުއްދަތެއްނަމަ 7 އހަރުދުވަށް ޚިދުމަތް ކުރަންޖެހޭއިރު ރާއްޖޭގައި ތަމްރީނުދެވޭ ފަރާތެއް ނަމަ އަދި އެ ކޯހުގެ މުއްދަތަކީ 18 މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ 4 އަހަރަށް ޚިދުމަތް ކުރަންޖެހެއެވެ. މި އުޞޫލްގައި ބަޔާކޮށްފައިވާ މުއްދަތަށް ޚިދުމަށް ނުކުރާނަމަސްކޮލަރޝިޕުން ކޮށްފައިވާ ޚަރަދު ސަރުކާރަށް ދައްކަންޖެހެއެވެ.