ޚަބަރު

ދުރާލާ އިންޒާރުދޭ ނިޒާމެއް ފުވައްމުލަކު ސިޓީގައި ޤާއިމްކުރަނީ


  • ފުރަތަމަ ފިޔަވަހީގެ ދަށުން ކާރިޘާގެ ރިސްކް، ވަގުތުން އަންދާޒާކުރެވޭނެ

  • ރަށު ފެންވަރުގައި ގުދުރަތީ ކާރިޘާއެއްގެ ސަބަބުން ނާޒުކު ހާލަތަކަށް ވެއްޓިދާނެ ފަރާތްތައް ފާހަގަކުރެވޭނެ

ފުވައްމުލަކު ސިޓީގައި މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލައި ރައްކާތެރިވެ، އެފަދަ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތައްކަށް ތައްޔާރުވުމަށް އިންޒާރުދޭ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑީމެޑް ޕްރޮޖެކްޓުންނެވެ.

ފުވައްމުލައް ސިޓީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމް މަޝްރޫޢު އިން އެހީތެރިވެދޭނެ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0ގައި އިސްކަންދެއްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައިވާ ގޮތުގެ މަތިން، އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މި މަޝްރޫޢުއިން އެހީތެރިވެދޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިސިސްޓަމުގެ ކާމިޔަބީ އޮތީ އަޅުގަނޑުމެން އެންމެގެ އަތްމަތީގަ. މިކަން ހާސިލު ކުރެވޭނީ އިދާރާތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމާއި، މުވައްޒަފުންގެ ޤާބިލު ކަން އިތުރުކުމަށް ދެވޭ ތަމްރީނުތައް އިތުރުކުރުމާއި މުޖުތަމަޢުގެ އެއްބާރުލުމުގެ މައްޗަށް. އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ހަދަންވީ މި ސިސްޓަމުގެ މަޤްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް މަސައްކަތްކުރުމަށް. މި ސިސްޓަމަކީ ހަމައެކަނި ޓޫލަކަށް ނަހައްދަވައި ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަން. މިގޮތުން އަޅުގަނޑުމެންގެ މިނާޒުކު ތިމާވެއްޓަށް ކުރިމަތިވެދާނެ ކާރިސާތައް މަދުކޮށް، މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިތުރު އެހީއަކަށް ވެގެންދާނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ޤާއިމުކުރެވުނު ސިސްޓަމަކީ އަދި ޕައިލެޓް ސިސްޓަމެއްކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ ސިސްޓަމް ފަރުމާކުރެވިފައިވަނީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މިއީ، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ ޕްލޭނެއް ކަމަށާއި މި ޕްލޭން އެކުލަވާލެވިފައިވަނީ ލާމަރުކަޒީ ގޮތުންނާއި، ޑިޖިޓަލް އުފެއްދުންތަކާއި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ކުޑަ ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކަކީ، މޫސުމީ ބަދަލު ތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ޤައުމެއް. މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްތައް ގިރުމާއި، އުދައެރުން ވަނީ އިތުރުވެފަ. މިފަދަ ކާރިސާތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގެ އެކި ހާލަތްތަކަށް އަސަރުކުރޭ. މިއަދު މި ޤާއިމު ކުރެވޭ މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމަކީ އިނގެރޭސިވިލާތުގެ ސަލްފޯރޑް ޔުނިވާރސިޓީއާ ގުޅިގެން އުފައްދާފައިވާ ސިސްޓަމެއް." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ

މި ޕައިލެޓް ޕްރޮޖެކްޓްގެ ތެރެއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކްލެބް އިން ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ، "މޮބިލައިޒް" ޕްލެޓްފޯމްގައި ފުވައްމުލަކު ސިޓީގެ ޚާއްސަ ޖިއޯގަރަފިކް ސިފަތައް ހިމަނައި، ސެޓެލައިޓް މެދުވެރިކޮށް އަދި، މެޓް އޮފީހާއި އެހެނިހެން ގޮތުން ޤާއިމްކޮށްފައިވާ އައިއޯޓީ ޑިވައިސްތަކުން ލިބޭ މޫސުމީ ޑޭޓާއަށް ބިނާކޮށް އެ ސިޓީއަށް ލިބިދާނެ ގެއްލުން އަންދާޒާ ކުރެވޭނެއެވެ.

މި ނިޒާމު މެދުވެރިކޮށް ސިޓީ ކައުންސިލާއި މެޓް އޮފީހާއި ގުޅިގެން އިންޒާރުގެ މެސެޖްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިޓީގެ ކަމާއިބެހޭ އިދާރާތަކަށް މަގުފަހިވެގެންދާނެއެވެ.

މި ޕައިލެޓް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކާރިޘާގެ ރިސްކް، ވަގުތުން އަންދާޒާކުރެވި، ރަށު ފެންވަރުގައި ގުދުރަތީ ކާރިޘާއެއްގެ ސަބަބުން ނާޒުކު ހާލަތަކަށް ވެއްޓިދާނެ ފަރާތްތައް ފާހަގަކޮށް، އެފަދަ ކާރިޡާތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޕްރޮޓޮކޯލްއެއް އެކުލެވިގެންދާނެއެވެ.

ޖުމްލަ 2 ފިޔަވަހި ހިމެނޭ މި ޕައިލެޓް ޕްރޮޖެކްޓް ނިމޭއިރު ފުވައްމުލަކު ސިޓީ ކައުންސިލްގައި ލިވިންގ ލެބް އެއްޤާއިމް ކުރެވިގެންދާނެއެވެ. އަދި ޕައިލެޓް ޕްރޮޖެކްޓް ނިމިނުކަމުގައިވިޔަސް، 3 އަހަރުގެ މުއްދަތަށް ސިސްޓަމްގެ ސަޕޯޓް ޔުނިވަރސިޓީ އޮފް ސެލްފޯޑްއިން ފޯރުކޮށްދޭ ގޮތަށް ޑީމެޑް ޕްރޮޖެކްޓާއިއެކުވަނީ އެއްބަސްވެފައެވެ.

މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމެއް ގާއިމްކުރުން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ޑރ. ކިނާނަތުގެ އިތުރުން، ފުވައްމުލައް ސިޓީގެ މޭޔަރ، އިސްމާއީލް ރަފީޤް، އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހައްސާން މުޙައްމަދު އަދި ވޯލްޑް ބޭންކްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ އިކޮނޮމިސްޓް އެންޑް ރެޒިޓެންޓް ކޯޑިނޭޓަރ އަރޑެމް އަޓާޝް ވަނީ ބައިވެރިވެވަޑައިގެންފައެވެ

އަދި ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ފަރާތުން ޕްރޮފެސަރ ޓެރެންސް ފެނާންޑޯ ވަނީ، މި ސިސްޓަމްގައި މިހާރު ޤާއިމްކުރެވިފައިވާ ފީޗަރސްތަކުގެ ޕްރެސެންޓޭޝަނެއްވެސް ދީފައެވެ.