ކަރަބާއޮ ކަޕްގެ ތިންވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ސިޓީއިން ފަސޭހަ ކަމާއެކު ކާމިޔާބުކޮށް މިމުބާރާތުގެ ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ސިޓީގެ އިންތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 5-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި އެންމެ ފާހަގަ ވީ ސިޓީގެ ސީނިއަރ ޓީމަށް އަލަށް ކުޅުނު ޒުވާން ކުޅުންތެރިޔާ ފުލޮއިޑް ސަމްބާގެ މޮޅު ކުޅުމެވެ. މިމެޗުގައި ސަމްބާވަނީ 2 ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ސަމްބާ ޖަހާފައިވަނީ މިމެޗުގެ 29 ވަނަ މިނެޓުގައި ސިޓީއަށް އަލަށް ކުޅެމުންދިޔަ އެލަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މިލަނޑު ޖެހިތާ 4 މިނެޓް ފަހުން ސިޓީއިންވަނީ ރަޔަން ޗާކީ ޖަހައިދިން ލަނޑަކާއެކު އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ޗާކީ ޖަހާފައިވަނީ އައްޔޫބް ބުއާދީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މިމެޗުގައި ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް އެހީތެރިވެދިން އެލަންއެވެ. މިއީ މިސީޒަންގައި ބްރެޒިލްގެ ޕަލްމެއިރާސް އިން ސިޓީއަށް ބަދަލުވި އެލަން އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗުގައި ސިޓީގެ 4 ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އުމުރުން 17 އަހަރުގެ ސަމްބާއެވެ. އަދި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަޔަން މެކްއައިޑޫއެވެ.
މިކާމިޔާބީ އާއެކު މިމުބާރާތުގެ 4 ވަނަ ބުރުގައި ސިޓީ ބައްދަލުކުރާނީ ތިންވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއެވެ.
މިސީޒަންގައި ސިޓީގެ ކޯޗު ކަމާއި އަލަށް ހަވާލުވި އެންޒޯ މަރެސްކާގެ ކޯޗުކަމުގެ ދަށުން ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ކޮމިއުނިޓީ ޝީލްޑްގައި އާސެނަލް އަތުން ތަފާތު ބޮޑުކޮށް ބަލިވުމާއެކު އޭނާ އާއި ސިޓީ ޓީމަށް ފާޑު ކިޔުންތައް އަމާޒުވެގެންދިޔަ ނަމަވެސް ސިޓީއިން ވަނީ އެޓީމު އޭގެ ފަހުން ކުޅުނު 6 މެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި ލީގުގައި މިއަންނަ އާދިއްތަ ދުވަހު ސަންޑަރލަންޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ސިޓީއިން ކުރިއަށް ގެންދާ ކާމިޔާބީގެ މިސިލްސިލާ ކުރިއަށް ގެންދިއުމަށް އެޓީމުން ބޭނުންވާނެއެވެ.