މޭޖަރ ލީގު ސޮކަރގެ އިންޓަރ މަޔާމީއަށް އެޓީމުގެ އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑާއެކު އެޓީމުން ޗެމްޕިއޯނޭސް ކަޕް ކާމިޔާބު ކޮށްފިއެވެ.
ޗެމްޕިއޯނޭސް ކަޕަކީ އެމްއެލްއެސް އާއި މެކްސިކޯގެ ޗެމްޕިއަނުންގެ މެދުގައި މިއަހަރު އަލަށް ކުޅެން ފަށާފައިވާ މެޗެކެވެ. ފުލޮރިޑާގެ ނޫ ސްޓޭޑިއަމްގައި މެކްސިކޯގެ ޗެމްޕިއަން ކުރޫޒް އަޒުލް އާއި ދެކޮޅަށް ކުޅުނު މެޗު މަޔާމީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ލަނޑުންނެވެ. މިމެޗު ވީ، އިންޓަރ މަޔާމީއަށް މެސީ ކުޅެދިން 115 ވަނަ މެޗަށެވެ. އަދި މިމެޗުގެ 24 މިނެޓުގައި ލުއިސް ސުވާރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަރ މަޔާމީއަށް މެސީ ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑު ޖަހާފައިވަނީ ބޮލުންނެވެ. މީގެއިތުރުން މިމެޗުގެ ދެވަނަ ހާފުގައި ސުވަރޭޒް ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި މެސީ ދެވަނަ ލަނޑެއް ޖެހި ނަމަވެސް އެލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.
މިމެޗުގައި މަޔާމީއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރެއްގައި ކާމިޔާބު ކޮށްދީފައިވަނީ ކަސަމީރޯއެވެ. އެފްސީ ބާސެލޯނާ އާއި ޕެރިސް ސެއިންޓް ޖާމެއިން އަށް ކުރިން ކުޅެފައިވާ އުމުރުން 39 އަހަރުގެ މެސީ 2023 ވަނަ އަހަރު އިންޓަރ މަޔާމީއާއި ގުޅުނު ފަހުން މިހާތަނަށް އެޓީމަށް ހަތަރު ތަށި ހޯދައިދިނުމުގައި އެހީތެރިވެދީފައިވެއެވެ. އަދި މިއީ މިއަހަރު އޭނާއަށް ހޯދުނު ފުރަތަމަ ތަށްޓެވެ. މެސީއަށް މި ކާމިޔާބީ ހޯދިފައިމިވަނީ ވޯލްޑް ކަޕްގެ ފައިނަލްގައި ނާކާމިޔާބީ އާއި ކުރިމަތިލިތާ ދެ މަސް ފަހުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މަޔާމީގެ އެއް އޯނަރު ކަމަށްވާ އިންގްލަންޑްގެ ކުރީގެ ތަޖްރިބާކާރު ކެޕްޓަން ސަރ ޑޭވިޑް ބެކަމް ބުނީ މިމެޗުގައި މެސީގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި ވޯލްޑް ކަޕްގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު އުމުރުން 39 އަހަރުގައި މިފެންވަރުގެ ކުޅުމެއް ދެއްކޭނެ އެހެން އެއްވެސް ކުޅުންތެރިއެއް ނެތް ކަމަށެވެ. އަދި މިއާއެކު އޭނާއަށް މިފަހަރުގެ ބެލޮން ޑިއޯ އެވޯޑް ދިނުމާއި ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި އަދި އޭނާ ދެކޭ ގޮތުގައި މެސީއަށް މިފަހަރުގެ ބެލޮން ޑިއޯ އެވޯޑް ލިބެން ޖެހޭ ކަމަށް ބެކަމް ބުންޏެވެ.
އާޖެންޓީނާ ޤައުމީ ޓީމަށްވެސް 125 ލަނޑު ޖަހައިދީފައިވާ މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ. އަދި އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބެނިން އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗު ވާނީ އާޖެންޓީނާގެ ޖަރޒީގައި މެސީ ފެނިގެންދާ ވަދާއީ މެޗަށެވެ.