ޚަބަރު

ޤައުމީ ދުވަސް: އުތީމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް


  • ރައީސްއަށް އުތީމު ބަނދަރުން މަރުހަބާ ދެންނެވީ ދައުލަތުގެ އިސްވެރިންނާއި ރައްޔިތުން

  • ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އުތީމުގައި

ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް އުތީމު ބަނދަރުން ސަޤާފީ ހަރަކާތްތަކާއެކު އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އުތީމު ބަނދަރުން މަރުހަބާ ދެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތަޛް ހުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲއާޢި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މީގެ އިތުރުން އުތީމު ކައުންސިލުގެ ރައީސްވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވަޑައިގެންނެވިއެވެ. އުތީމުގައި ބަނދަރުމަތިން ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދަންނަވާފައިވަނީ ސަޤާފީ ހަރަކާތްތަކާއެކުއެވެ.

އެމަނިކުފާނު ވަނީ ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ގަސް އިންދަވައި ދެއްވާފައެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ސަލާމް ކުރައްވާފައެވެ.

ޤައުމީ ދުވަސް ޤައުމީ ފެންވަރެއްގައި މިއަހަރާއި އަންނަ އަހަރު އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މިގޮތުން މިއަހަރު ގިނަ ހަރަކާތްތަކެއް އުތީމުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އުތީމުގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާއިރު މި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވާނެއެވެ. މިޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއ،ި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން ދެއްވާނެއެވެ. މީގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާއާއ،ި ހަނދާނީ ލިޔުން އެރުވުންވެސް އޮންނާނެއެވެ. އަދި ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން މިރޭ އުތީމުގައި ހަވާ އެރުވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މާދަމާވެސް އުތީމުގައި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާއި، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ.