ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އިޤްތިޞާދަށް 4.9 އިންސައްތައިގެ ކުރިއެރުމެއް


ވިޔަފާރިތައް އާންމު ޙާލަތަށް ރުޖޫއަވާން ފެށުމާއެކު މިދިޔަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދު 4.9 އިންސައްތަ ކުރިއަރައިފިއެވެ.

ޗައިނާއަކީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ތެރޭގައި އިޤްތިޞާދު ކުރިއަރާ، ފައިދާވާނެކަމަށް ބެލެވޭ ހަމައެކަނި ޤައުމެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓާރުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހުން ސެޕްޓެމްބަރުމަހާއި ދެމެދުގެ އެ ޤައުމުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. އެގޮތުން އަހަރުގެ އެންމެ ފުރަތަމަ ކުއާޓަރުގައި 0.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، ދެވަނަ ކުއާޓާގައި 3.2 އިންސައްތައިގެ ކުރިއެރުމެއް ޗައިނާގެ އިޤްތިޞާދަށް ވަނީ ލިބިފައެވެ. ތިންވަނަ ކުއާޓާގައި ޗައިނާގެ އިޤްތިޞާދު 4.9 އިންސައްތައިން ކުރިއަރާފައިވާއިރު، މި ކުރިއެރުމަކީ ކުރިން ލަފާކޮށްފައިވާ ކުރިއެރުމަށްވުރެ ދަށް އަދަދެކެވެ. އެގޮތުން މީގެ ކުރިން ތިން ވަނަ ކުއާޓާގައި 5.2 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ އެއް ކުއާޓާއިން އަނެއް ކުއާޓާއަށް ޖީޑީޕީއަށް ލިބުނު ކުރިއެރުންވެސް ހާމަކޮށްފައެވެ. އެގޮތުން ތިން ވަނަ ކުއާޓާގައި މި ކުރިއެރުން 3.2 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރިނަމަވެސް ޖުލައިމަހާއި ސެޕްޓެމްބަރުމަހާއި ދެމެދު ކުރިއަރާފައިވަނީ 2.7 އިންސައްތައިންނެވެ. މިއަދަދަކީ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު 11.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ޗައިނާގެ އިޤްތިޞާދު 4.9 އިންސައްތައިން ކުރިއަރާފައިވަނީ ވިޔަފާރިތައް އާންމު ޙާލަތަށް ރުޖޫޢަވާން ފެށުމާއެކުކަމަށް ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެއެވެ. އެގޮތުން މި ކުއާޓާގައި ރީޓެއިލް ވިޔަފާރި ވަނީ 3.3 އިންސައްތައިން ކުރިއަރާފައެވެ. މިއަދަދު ދެވަނަ ކުއާޓާގައި އުޅުނީ 0.5 އިންސައްތާގައެވެ. މި ކުއާޓާގައި އިންޑަސްޓްރީތަކުގެ އުފެއްދުންތެރިކްން 6.9 އިންސައްތައިން ކުރިއެރުމަކީވެސް އިޤްތިޞާދު ކުރިއެރުމަށް ދިމާވި އެއް ސަބަބެވެ.

ޗައިނާގެ އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށް އެ ޤައުމުގެ އެ ޤައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފިސްކަލް ޚަރަދުކުޑަކޮށް، ޓެކްސް ދެއްކުމުގައި ލުއި ދިނުމާއި ބޭންކްތަކުން ޙާލަތައް ރިޢާޔަތްކޮށް ޚާއްސަ ލޯން ސްކީމްތައް ވަނީ ނެރެފައެވެ.