ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ވީޗެޓް މަނާކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކޮށްފި


އެމެރިކާގައި ވީޗެޓް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އެ ޤައުމުގެ މެޖިސްޓްރޭޓް ކޯޓަކުން ވަގުތީ އަމުރެއް ނެރެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއްވެސް ޕްލެޓްފޯމަކުން ވީޗެޓް ޑައުންލޯޑްކުރުން މަނާކުރުމަށް ނިންމާފައެވެ.

އެމެރިކާގައި ވީޗެޓް ބޭނުންކުރުން މަނާ ކުރުން މަޑުޖައްސާލުމަށް އެ ޤައުމުގެ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފައި މިވަނީ، ވީޗެޓް ބޭންކުރުމުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ބުނެ އެމެރިކާގައި މި އެޕް ބޭނުންކުރާ ފަރާތްތަކަކުން އެމެރިކާގެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ އެމެރިކާ ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެކަމަށް ބުނެފައެވެ.

މި މައްސަލައިގައި އެމެރިކާގެ މެޖިސްޓްރޭޓް ލޯރެލް ބީލާ ނިންމި ނިންމުމުގައި ވަނީ، މި މައްސަލާގައި ސާފުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ޖަޖް ލޯރެލް ވަނީ ވީޗެޓުގެ ސަަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަން ހާމަކޮށްދޭ ހެއްކެއް ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާގައި އެމެރިކާގެ ގިނަ އެޕްލިކޭޝަންތަކެއް ބްލޮކްކޮށްފައިވުމުން ވީޗެޓްއަކީ އެމެރިކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޗައިނާގެ ރައްުޔިތުން މުޢާމަލާތުކުރުމަށް ގެންގުޅޭ ހަމައެކަނި އެޕްކަމަށް މި ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ވީޗެޓް ބޭނުންކުރުން މަނާ ކުރުން މަޑުޖައްސާލުމަށް ވަގުތީގޮތުން ނިންމީ މި ސަބަބަށްޓަކައިކަމަށް ކޯޓު އަމުރުގައިވެއެވެ.

ޖަޖް ލޯރެލް ބީލާގެ މި ނިންމުމާއެކު އެޕްލިކޭޝަން ސްޓޯރތަކުން ވީޗެޓް މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުން ބާތިލުވީއެވެ.

ކޯޓު ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނީ ޖަޖް ލޯރެލް ބީލާގެ ނިންމުމުގެ ސަބަބުން ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ޤައުމީ ސަލާމަތް ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ބޮޑު ހުރަހެއް އެޅިގެންދާކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވީޗެޓާއި ޗައިނާގެ ބައެއް އިތުރު އެޕްތައް އެމެރިކާގައި ބޭނުންކުރުން މަނާކުރުމަށް ނިންމާފައިވަނީ މި އެޕްތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ނަގާ ޗައިނާގެ ސަރުކާރަށް މި މަޢުލޫމާތުތައް ހިއްސާކުރާކަމަށް ބުނެއެވެ. މި ކަމަކީ އެމެރިކާގެ ޤައުމީ ސަލާމަތައް އޮތް ބޮޑު ނުރައްކަލެއްކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް، މި ތުހުމަތުތައް ވީޗެޓުންގެ ބެލެނިވެރި ކުންފުނި ޓެންސެންޓް އަދި ޗައިނާ ސަރުކާރުންވެސް ދޮގުކުރެއެެވެ. ވީޗެޓްއަކީ އެމެރިކާގައި 20 މިލިއަނަށް ބުރެ ގިނަ މީހުން ބޭނުންކުރަމުންދާ އެޕްއެކެވެ.

ވީޗެޓްގެ އިތުރުން ޓިކްޓޮކްވެސް އެމެރިކާގައި މަނާކުރުމަށް އެމެރިކާ ސަރުކާރުން މަސައްކަތްކުރިއެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ ހުށަހެޅުންތަކަށް ޓިކްޓޮކްއިން އެއްބަސްވުމުން ޓިކްޓޮކް މަނާކުރުމަށް ކުރަމުންދިޔަ މަސައްކަތް އެމެރިކާ ސަރުކާރުން ވަނީ މަޑުޖައްސާލާފައެވެ.