ދުނިޔެ

ޔޫއޭއީގެ ޞިއްޙަތާއި ބެހޭ ވަޒީރަށް ކޯވިޑް-19 ވެކްސިން


ކޯވިޑް-19އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިނެއް ޔޫއޭއީގެ ޤައުމުގެ ޞިއްޙަތާއި ބެހޭ ވަޒީރު، އަބްދުލް ރަޙްމާން ބިން މުޙައްމަދު އަލް އުވައިސްއަށް ދީފިއެވެ. ޞިއްޙަތާއި ބެހޭ ވަޒީރަށް ވެކްސިން ދީފައިވަނީ ބަލިމަޑުކަމުގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދިނުމަށް ޔޫއޭއީގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ޔޫއޭއީގައި މިހާތަނަށް 84،242 މީހުންނަށް ކޯވިޑް-19ޖެހި 404 މީހުންވަނީ މަރުވެފައެވެ. ޗައިނާގެ ސިނޯފާމަ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ތަހުލީލުތައް ޔޫއޭއީގައި ފަށައިފައިވަނީ ޖުލައި މަހުގެ މެދުތެރޭގައެވެ. ޔޫއޭއީގައި ތަހުލީލުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އެ ޤައުމުގައި 200އަށްވުރެ ގިނަ ޤައުމުގެ ރައްޔިތުން ދިރިއުޅެމުންދާތީއެވެ. ވެކްސިންގެ ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވަނީ އަބޫ ދާބީގެ ޞިއްޙަތާއި ބެހޭ އިދާރާއާއި ޔޫއޭއީގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. އެ ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ ބައިވެރިވުމާއެކު ތައްޔާރުކުރަމުންދާ ވެކްސިނެކެވެ.

ވަޒީރު އުވައިސް ވިދާޅުވީ ކުރާ މަސައްކަތުގެ ސަބަބުން ބަލިމަޑުކަމުގެ ނުރައްކަލަށް ހުށަހެޅޭ އެންމެންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. ވެކްސިންގެ ތަހުލީލުތަކުން އުންމީދީ ނަތީޖާއެއް ފެނިފައިވާކަމަށާއި އޭގެ ރައްކާތެރިކަމާއި ރަނގަޅު އަސަރު ޔަޤީންވެފައިވާކަމަށެވެ. ވެކްސިނަށް ޙުއްދަ ދިނުމުގެ މަރުހަލާތައް އަވަސްކުރުމަށް ކަނޑައަޅާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެ ވެކްސިން ފެތޭކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމީ ފަރާތްތަކުން ބުނީ ވެކްސިންގެ ތަހުލީލުތައް ކުރީ ކުއްލި ޙާލަތްތަކުގައި ވެކްސިން ބޭނުންކުރުމަށް ދޫކޮށްފައިވާ ޙުއްދައެއްގެ ދަށުންކަމަށެވެ. މީގެ ކުރިން ޔޫއޭއީގެ ނޭޝަނަލް ކްލިނިކަލް ކޮމިޓީ ފޮރ ކޯވިޑް-19ގެ މުޤައްރިރު، ޑރ. ނަވާލް އަލް ކާބީވަނީ ތަހުލީލުތަކުގެ ނަތީޖާގެ މިސްރާބު ހުރީ ރަނގަޅަށްކަމަށާއި މިހާތަނަށްކުރި ހުރިހާ ތަހުލީލެއް ކާމިޔާބުވެފައިވާކަމަށް ވިދާޅުވެފައިވާކަމަށެވެ.

ޑރ. ނަވާލް ވިދާޅުވީ ވެކްސިންގެ ތަހުލީލުކުރަން ފެށިތާ 6 ހަފުތާގެ ތެރޭގައި 125 ޤައުމަކަށް ނިސްބަތްވާ 31،000 މީހުން ތަހުލީލުތަކުގައި ބައިވެރިވެފައިވާކަމަށެވެ. ވެކްސިންގެ ނޭދެވޭ އަސަރުގެ ގޮތުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަމަކީ އެހާ ބޮޑެތި މައްސަލަތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވެކްސިންގެ ރައްކާތެރިކަމާއި އަސަރު ޔަޤީންކުރުމަށް ކަމާބެހޭ އިދާރާތަކުންވަނީ ހުރިހާ ޤަވާއިދުތަކަށް ޢަމަލުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.