ޚަބަރު

ފެނަކައިގެ މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން އަންގައިފި


  • މުވައްޒަފުންނަށް ޤަވާއިދާ ޚިލާފަށް ދީފައިވާ އިތުރު ފައިސާ ހޯދުމަށް އަންގާފައިވޭ

  • އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަޙްޤީޤުކުރަން އޭސީސީއަށް އަންގަން ފާސްކުރި

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓުކުރުމާއި، ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް އަންގައިފިއެވެ.

މަޖިލީހުން މިގޮތަށް އެންގީ މާލިއްޔަތު ކޮމިޓީން ރިޕޯޓް ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ހޯމަ ދުވަހު ނެގި ވޯޓުންނެވެ.

ފެނަކައިގެ މުވައްޒަފުންނާ ގުޅޭގޮތުން ހަދާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓުގައި އެ ކުންފުންޏަށް މުވައްޒަފުން ނެގުމާއި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރައާ އިނާޔަތްތަކާ ގުޅޭގޮތުން 2020 ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ފާހަގަކުރެވިފައިވާ ކަންތައްތައް ވަނީ ހިމަނާފައެވެ. އެގޮތުން، 5 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް 5،289 މުވައްޒަފުން ނަގާފައިވާ ކަމަށާއި ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާކަން ހާމަވާ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރާއި ކުންފުނީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތާއި ވޯކްލޯޑު ބެލުމަށް ޖޮބް އެނަލިސިސް ހެދުމަށްފަހު އޭގެ ނަތީޖާއަށް ބިނާކޮށް ކުންފުނީގެ ވަޒީފާތަކުގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށްފަހު ނޫނީ ކުންފުނީގެ ވަޒީފާތަކަށް އިތުރު މުވައްޒަފުން ނުނެގުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.

މި ރިޕޯޓް ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ވަނީ 12 ކަމެއް ހުށަހަޅާފައެވެ. އެގޮތުން، ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ކުންފުނީގެ މުވައްޒަފުންގެ އަދަދަށް އައި ބަދަލުތަކުގެ ތަފްސީލު 3 މަސް ދުވަހުގެ ތެރޭގައި ކޮމިޓީއާ ހިއްސާކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އޭސީސީން ތަހުގީގުކޮށް، އޭގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތައް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި މަހަކު އެއްފަހަރު ތަހުގީގުގެ އަދާހަމަ ހިއްސާކުރުމަށް ހުށަހެޅިއެވެ.

އާންމުކޮށް އިއުލާންނުކޮށް، ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ ފުރުޞަތު ނުލިބޭގޮތަށް މުވައްޒަފުންގެ ގަވާއިދު އިސްލާހުކުރުމަށް އަންގައި އެ އިސްލާހު 3 މަސްދުވަހުގެ ތެރޭގައި ކޮމިޓީއާ ހިއްސާކުރުމަށްވެސް ހުށަހެޅިއެވެ. އަދި އެސްއޯޕީތައް އިސްލާހުކުރުމަށް އެންގުމަށްވެސް ކޮމިޓީ މަރުހަލާގައި ވަނީ ހުށަހަޅާފައެވެ.

ކޮމިޓީ މަރުހަލާގައި 2022 ވަނަ އަހަރާއި 2023ވަނަ އަހަރުގެ ތެރޭގައި ބައެއް މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާތީ އެކަން ކުރި ބަޔަކާއި އިންހައުސް މަޝްރޫއުތައް ހިންގުމުގެ ނަމުގައި މުވައްޒަފުން ނަގައި، ބޮޑު އަދަދެއްގެ މުސާރަ ދީފައިވާތީ އެކަންކަން ކުރި ބަޔަކު ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއަށާއި ފުލުހުންނަށް އެންގުމަށާއި ތަހުގީގުގެ ތަފްސީލު މަހަކު އެއްފަހަރު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމަށްވެސް ހުށަހެޅިއެވެ.

މީގެ އިތުރުން އިންހައުސް މަޝްރޫޢުތަކުގައި ނެގި ބައެއް މުވައްޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށްވުރެ އިތުރަށް 229،711 ރުފިޔާ ދީފައިވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކައަށް އެންގުމަށްވެސް ކޮމިޓީން ހުށަހެޅިއެވެ.

ކޮމިޓީގެ މި ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.