އައްޑޫސިޓީ ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް ފެށުމުގެ ކުރިން ޚާއްސަ މިތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން އައްޑޫ ސިޓީއަށް ގޮސް މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފައިކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތައް ވެސް މިހާރު އެ ސަރަޙައްދުތަކުގައި ހަރުކޮށްފައިވާކަމަށެވެ.
Project update: Nature Parks repair and upgrading works have started. Contractors have been mobilized to Addu. Site demarcation and signboards are installed.
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 3, 2026
This is a project funded by GFCR and AUS AID implemented by UNDP.@UNDPMaldives pic.twitter.com/tg8cUOfZ73
މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ރާއްޖޭގައި ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، މި ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.
އައްޑޫ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ. މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މީގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ތިމާވެއްޓާއި ބޭހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިމަސައްކަތުގެ ތެރެއިން 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.