ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި، އަރަމްކޯއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ގޮތުން އެ ކުންފުނީގެ ވިޔަފާރީގެ ވަކި ބައިތަކެއް ޙިއްޞާގެ ބާޒާރުގައި ލިސްޓުކުރުމަށްޓަކައި، ގޭހުގެ އައު ޑިވިޜަނެއް އުފައްދައި ވިޔަފާރީގެ އޮނިގަނޑު އަލުން ތަރުތީބުކުރުމަށް ރާވަމުންދާ ކަން ހާމަވެއްޖެއެވެ.
މި މަޢުލޫމާތު އެނގޭ ދެ މަސްދަރަކުން ރޮއިޓަރސް ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ފިޔަވަޅަކީ ގަލްފުގެ ތެޔޮ ކުންފުނިތަކުން ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރީގެ ވަކި ދާއިރާތަކެއް ހުޅުވައިލުމަށް ގެންގުޅޭ ސިޔާސަތާ އެއްގޮތް ނިންމުމެކެވެ. މިގޮތަށް ވިޔަފާރިތައް ހުޅުވާލި ނަމަވެސް، ކުންފުނިތަކުގެ ހިންގުމުގެ ފުރިހަމަ ބާރާއި މައިގަނޑު ތެޔޮ އުފެއްދުމުގެ ކޮންޓްރޯލް ދަމަހައްޓަނީ އެ ކުންފުނިތަކުގެ އަމިއްލަ ބާރުގެ ދަށުގައެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަށް އަރަމްކޯއިން ވަނީ ދެކޮޅުހަދައިފައެވެ.
މިފަދަ ވިޔަފާރިތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތުގެ ޤައުމީ ތެޔޮ ކުންފުނި, އެޑްނޮކްއިން އެ ކުންފުނީގެ ގޭހާއި، ޑްރިލިންގ އަދި ތެޔޮ ވިއްކާ ރީޓެއިލް ވިޔަފާރީގެ ޙިއްޞާ ބާޒާރުގައި ލިސްޓުކުރުން ހިމެނެއެވެ. އަރަމްކޯއަކީ ވެސް އާންމުންނަށް ޙިއްޞާ ވިއްކާފައިވާ ކުންފުންޏަކަށް ވުމުގެ އިތުރުން، ޕެޓްރޯކެމިކަލްސް ކުންފުނި "ސަބިކް" ފަދަ ލިސްޓުކޮށްފައިވާ ސަބްސިޑިއަރީ ކުންފުނިތައް ހިންގާ މައި ކުންފުންޏެކެވެ. އަދި އެޑްނޮކް އާއި އަރާމްކޯއިން ވަނީ ތެލާއި ގޭސް ހޮޅިލައިން ފަދަ އުމްރާނީ ވަޞީލަތްތައް މެދުވެރިކޮށް ބިލިއަނުން ޑޮލަރު ހޯދާފައެވެ.
އަލަށް އުފައްދާ ގޭސް ޑިވިޜަނުގެ ސަބަބުން އަރަމްކޯއަށް އެ ޤައުމުގެ އެތެރޭގެ ގުދުރަތީ ގޭހުގެ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ގޭހުގެ ވިޔަފާރި ބިނާކުރުމަށް ޚާއްސަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ކަނޑުމަގުން ތެލާއި ގޭސް އުފުލާ މައިގަނޑު މަގުތަކަށް ބުރޫއެރުމުގެ ކުރިން، ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރާ ސަޢުދީ ޢަރަބިއްޔާގެ އިޤްތިޞާދީ މައި ނާރެހުގެ ގޮތުގައި އޮތް އަރަމްކޯއިން ދަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެ ޤައުމުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ފައިސާ ހޯދުމަށްޓަކައި "ލީސް-އެންޑް-ލީސްބެކް" އުސޫލުގެ އެއްބަސްވުންތައް ފަދަ އައު ގޮތްތައް ވެސް ކުންފުނިން ދިރާސާކުރަމުންދާ ކަމަށް އެ މަސްދަރުން އިތުރަށް ބުންޏެވެ.
ގަލްފުގެ ޤައުމީ ތެޔޮ ކުންފުނިތަކުން މިފަދަ އެއްބަސްވުންތައް އެކުލަވާލަނީ ވަކި ހަރުމުދަލެއް އިންވެސްޓަރުންގެ ގްރޫޕަކަށް ކުއްޔަށްދީގެން އެއްފަހަރާ ބޮޑު ފައިސާގެ ޢަދަދެއް ހޯދުމަށްފަހު، އެ ތަކެތި އަނބުރާ ކުއްޔަށް ނަގައިގެން ބޭނުންކުރުމަށެވެ. މީގެ ސަބަބުން ކަނޑައެޅޭ މުއްދަތެއްގައި ކުލި ދައްކަމުން، އެ ތަންތަނުގެ ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް ދެމެހެއްޓުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ދެވަނަ މަސްދަރަކުން ބުނި ގޮތުގައި، ފައިސާ ހޯދުމުގެ އިތުރު ފުރުޞަތެއްގެ ގޮތުން ގޭސް ވިޔަފާރީގެ ކުޑަ ޙީއްޞާއެއް، ޙިއްޞާގެ ބާޒާރުގައި ލިސްޓުކުރުމުގެ ފުރުޞަތު ވެސް އަރަމްކޯއިން ދަނީ ބަލަމުންނެވެ. އަދި މިކަމުގައި ނަމޫނާއަކަށް ބަލަނީ 2019ވަނަ އަހަރު ސަޢުދީ އެކްސްޗޭންޖްގައި އަރަމްކޯގެ ކުޑަ ޙިއްޞާއެއް ލިސްޓުކުރި މޮޑެލްއެވެ.
އަރަމްކޯގެ އެތެރޭގެ ގޭސް ވިޔަފާރީގެ އެންމެ މުހިންމު ރައުސްމާލަކީ ޖާފޫރާ އެވެ. މިއީ އެމެރިކާއިން ބޭރުގައި އޮތް އެންމެ ބޮޑު ޝޭލް ގޭސް މަޝްރޫޢުއަށް ވުން އެކަށީގެންވާ، އާދަޔާ ޚިލާފު މުއްސަނދި ގޭސް ވަޅުތަކެކެވެ.
މިދިޔަ އަހަރު މަސައްކަތް ފެށި ޖާފޫރާ މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކަރަންޓު އުފެއްދުމަށް އަންދާ ތެލުގެ ބަދަލުގައި ގުދުރަތީ ގޭސް ބޭނުންކޮށް، ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމަށް އިތުރު ސާފުނުކުރާ ތެޔޮ ސަލާމަތް ކުރުމެވެ.
ޖާފޫރާ ހިމެނޭހެން އަރަމްކޯގެ ގޭސް އުފެއްދުންތެރިކަން އެންމެ މައްޗަށް ދާއިރު، ދުވާލަކު 500,000 ފީފާ ސާފުނުކުރާ ތެޔޮ ސަލާމަތްކުރެވޭ މިންވަރަށް ކަރަންޓު އުފެއްދޭނެ ކަމަށް އަރަމްކޯއިން ލަފާކުރެއެވެ.
މީގެ އިތުރުން، ބްލެކްރޮކް ކުންފުނީގެ ދަށުން ހިންގާ ގްލޯބަލް އިންފްރާސްޓްރަކްޗަރ ޕާޓްނަރސް އިސްވެ އޮންނަ ކުންފުނިތަކަކާއެކު، ޖާފޫރާގެ ގޭސް އުފައްދާ ވަޞީލަތްތަކުގެ "ލީސް އެންޑް ލީސްބެކް" އެއްބަސްވުމެއް ހަދައިގެން އަރަމްކޯއިން ވަނީ މިދިޔަ އަހަރު 11 ބިލިއަން ޑޮލަރު ހޯދައިފައެވެ.