ކޯވިޑް-19

ކޯވިޑް-19 : ޢިމާރާތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ލުއިތަކެއް


ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޢިމާރާތްކުރުމުގެ ޢަމަލީ މަސަތްކަތްކުރާ ފަރާތްތަކަށް ލުއި ދެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމަވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގެ 1-35 އަދި 2-35 ވަނަ މާއްދާގެ ދަށުން ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން މާލީ ލިޔެކިޔުންތައް ހުށަހެޅުމާއި، ބިދޭސީ މުވައްޒަފުން ހުށަހަޅަންޖެހޭ ވޯކް ވިސާ ކާޑު ހުށަހެޅުމުގައި ލުއިދެއްވުމަށް މިނިސްޓްރީން ވަނީ ނިންމަފާއެވެ.

މި ޤަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރުމަށް ބޭނުންވާ ލިޔެކިޔުމެއް އެހެން ބަހަކުން ތަރުޖަމާކުރާ ހާލަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތް ނިސްބަތްވާ ޤައުމެއްގެ އެމްބަސީން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ޤާނޫނީ ވަކީލަކު ނުވަތަ ލޯ ފާރމަކުން އަސްލާ އެއްގޮތްކަން ބަޔާންކޮށް ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިވަގުތަށް އިސްތިސްނާކޮށް، އާންމު ޙާލަތަކަށް އިޢާދަވާތާ 3 މަސްދުވަސް ތެރޭގައި އެކަން ފުރިހަމަކޮށް ހުށަހެޅޭގޮތަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން ބިދޭސީ މުވައްޒަފުން ހުށަހަޅަންޖެހޭ ވޯކް ވިސާ ކާޑުގެ ބަދަލުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މުއްދަތެއްގައި އެމްޕްލޮއިމަންޓް އެޕްރޫވަލް ބަލައިގަތުމާއި އެ މިނިސްޓްރީން އެފަރާތްތަކަށް ވިސާ ކާޑު ހެއްދުމަށް ދޭ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި ވިސާ ކާޑުގެ ކޮޕީ ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅަންޖެހޭގޮތަށްވެސް އެ މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި ލުއިތައް ދެވޭނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައިވާ ހިނދު މިމަހުގެ 23 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި ލުއިތައް ދެވޭނެ ޙާލަތްތަކާއި ގުޅޭ އިތުރު ތަފްޞީލު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގެ 2 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.