ކުޅިވަރު

އިންޑިއާއިން ހަދިޔާކުރި އައުޓްޑޯ ޖިމް ސެޓުތައް ޤާއިމުކުރާނެ 61 ރަށް ޔޫތު މިނިސްޓްރީން ހާމަކޮށްފި


އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އައުޓްޑޯ ޖިމް ސެޓުތައް ޤާއިމުކުރާނެ 61 ރަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ހާމަކޮށްފިއެވެ.

ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރާ އައުޓްޑޯ ޖީމްއަށް ބޭނުންވާ އިކުއިޕްމަންޓް އިންޑިއާ ސަރުކާރުން އިއްޔެވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި މަޝްރޫއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 8 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އިންޑިއާއިން ހަދިޔާކުރި ތަކެތީގެ އެހީގައި އައުޓްޑޯ ޖިމްތައް އެޅުމަށް ހަމަޖެހިފައިވާ 61 ރަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވަނީ ހާމަކުރައްވާފައެވެ.

މި 61 ރަށުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ 3 ރަށަކާއި، ހދ. އަތޮޅުގެ 4 ރަށަކާއި، ށ. އަތޮޅުގެ 2 ރަށަކާއި، ނ. އަތޮޅުގެ 6 ރަށަކާއި، ރ. އަތޮޅުގެ 8 ރަށަކާއި، ބ. އަތޮޅުގެ 3 ރަށަކާއި، ޅ. އަތޮޅުގެ ރަށާއި، ކ. އަތޮޅުގެ 5 ރަށަކާއި، އއ. އަތޮޅުގެ 3 ރަށަކާއި، ދ. އަތޮޅުގެ ރަށަކާއި، މ. އަތޮޅުގެ 2 ރަށަކާއި، ފ. އަތޮޅުގެ 2 ރަށަކާއި، ތ. އަތޮޅުގެ 3 ރަށަކާއި، ލ. އަތޮޅުން 7 ރަށަކާއި، ގއ. އަތޮޅުގެ 4 ރަށަކާއި، ގދ. އަތޮޅުގެ 3 ރަށަކާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫސިޓީގެ 3 ރަށެއްގައެވެ.

އައުޓްޑޯ ޖިމް އެޅުމަށް ހަމަޖެހިފައިވާ 61 ރަށާއިގުޅޭގޮތުން މިނިސްޓަރ މަޚްލޫފް ކުރެއްވި ޓުވީޓު

އިންޑިއާގެ ފަރާތުން އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރ މަޚްލޫފު ވަނީ މި އައުޓްޑޯ ޖީމްތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތައް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ޚާއްސަކޮށް މި ޖިމްތަކުގެ ސަބަބުން ރަށްތަކުގައި ސްޕޯޓްސް ކައުންސިލަރުންނަށް އެކިއެކި ހަރަކާތްތައް ހިންގުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާއެވެ.

އިންޑިއާ ސަރުކާރުން މިހާރުވެސް ދިވެހި ކުޅިވަރަށް ބޮޑެތި ގިނަ އެހީތަކެއް ވެދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރ މަޙްލޫފް ވަނީ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމަށް ފަހިކޮށްދެއްވާފައިވާ ޓްރެއިނިންގ ކޭމްޕާއި، އިންޑިއާ ސަރުކާރުން ރާއްޖޭގައި ބިނާކުރުމަށް ނިންމާފައިވާ ވޯލްޑް ކްލާސް ކްރިކެޓް ސްޓޭޑިއަމްއަކީ މިކަންކަމުގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.