ޚަބަރު

8 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް އިޢުލާންކޮށްފި


8 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާ 8 ރަށަކީ ހއ. އުލިގަމު، ށ. މަރޮށި، ނ. ކެނދިކުޅުދޫ، ރ. ރަސްގަތީމު، ބ. ހިތާދޫ، ތ. ވަންދޫ، ތ. ކިނބިދޫ އަދި ގއ. ކަނޑުހުޅުދޫއެވެ. މި 8 ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ސަތޭކަ ފަންސާސް ހާސް ރުފިޔާ ދައްކަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި 8 ރަށުގެ އިތުރުން، ހދ. ނޮޅުވަރަމް، ށ. ކަނޑިތީމު އަދި ރ. އަލިފުއްށީގައި ފެނުގެ ނިޒާމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށާއި، ށ. ފޯކައިދޫގައި ނަރުދަމާ ނިޒާމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެ މިނިސްޓްރީން ވަނީ އިޢުލާންކޮށްފައިވެއެވެ. މި 4 މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހަތްދިހަ ފަސްހާސް ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ހުރިހާ މަޝްރޫޢެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންކަމަށާއި، މި މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން އެވޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައިސީބީ އުސޫލުންކަމަށެވެ. މި މަޝްރޫޢުތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 13 ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

8 ރަށެއްގެ ފެނާއި ނަރުދަމާއާއި، 3 ރަށެއްގެ ފެނުގެ ނިޒާމު އަދި އެއް ރަށުގެ ނަރުދަމާ ނިޒާމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، 8 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެ މިނިސްޓްރީން ދާދިފަހުން އިޢުލާންކޮށްފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަން ރައީސް ޞާލިޙް މިދިޔަ ހަފްތާތެރޭގައި ވަނީ އިޢުލާންކުރައްވާފައެވެ.