ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަކީ އެންމެ ބޮޑު އަމާޒުކަމަށް ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
އަޒުވަރު މިފަދައިން ވިދާޅުވީ ސްޓެލްކޯއިން އަލަށް ޚިދުމަތްދޭންފެށި ބ. އަތޮޅު، ޅ. އަތޮޅު، އަދި މ. އަތޮޅުގެ އިތުރުން ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި، ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއަކީ ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާކަމަށާއި ސްޓެލްކޯއިން ދެމުންދާ ޔުޓީލިޓީ ޚިދުމަތްތައް، ސްޓެލްކޯއިން ޤަބޫލުކުރާ މަތީ ފެންވަރުގައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އޭގެ ސަބަބުން ޤައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބިގެންދާނެ ނިންމެވުމެއް ކަމަށެވެ.
އަޒުވަރު ވިދާޅުވީ މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގައި ޓީމްތަކެއް އެކުލަވާލައި ސަރވޭ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެއީ މުޅި ރާއްޖެއަށް ސްޓެލްކޯގެ ޚިދުމަތް ފުޅާކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއްކަން ފާހަގަކުރެއްވިއެވެ.
"ރަށްރަށުގަ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި އެކި ގޮތްގޮތުން ޚަރަދުގެ ގޮތުގަ ހޭދަކުރެވޭ މިންވަރު ކުޑަކުރުމާ، އޮޕަރޭޝަނަލް އެފިޝަންސީއަކީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ. އެގޮތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ސަރުކާރުން ނެންގެވި ވަރަށް މުހިއްމު ފިޔަވަޅެއް މިއީ."ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވިއެވެ.
ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ރައްޔިތުންގެ ޝުޢޫރު އައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަން ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށާއި، އެއީ ރައްޔިތުން ބަލައިގަންނަ ފަދަ ތާރީޚެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ދެމި އޮތީ އެންމެ ކުރީއްސުރެއް، އެކި ނަންނަމުގައި ސްޓެލްކޯ ހިންގަމުންދިޔައިރު ކުންފުނީގައި ތިބި މުވައްޒަފުން ޚިދުމަތުގެ ފެންވަރު އެންމެ ފުރިހަމަ ކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތުންކަން ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސްޓެލްކޯއިން އަލަށް ޚިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުން ވެސް އެކަން ދަމަހައްޓައިދީ، ރައްޔިތުންގެ ލާބައަށްޓަކައި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ޑރ. އަޒުވަރު އެދިވަޑައިގެންނެވިއެވެ.
މި މަހުގެ 20 އިން 22 ށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަލަށް ހަމަޖެއްސި މެނޭޖަރުންނާއި، ސްޓޭޝަންތަކުގެ އިސްވެރިންނަކީ ސްޓެލްކޯގެ ޤަވާޢިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ފުރިހަމަ އިތުބާރާއި ޒިންމާދާރުކަމާއެކީ އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ.
މި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަށް ބަލާއިރު، މެނޭޖަރުންގެ ދައުރާއި ޒިންމާތަކާއި މަސްޢޫލިއްޔަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި، ރަށްރަށުގެ އިންޖީނުގެތަކާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، އިދާރީ، ޓެކްނިކަލް، މާލީ، ރައްކާތެރިކަމުގެ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭ މުހިންމު އިރުޝާދުތައް ދިނުމާއި، އަތޮޅުތަކުގެ އިންޖީނުގެތަކާއި ރީޖަނަލް އަދި އެހެނިހެން ޑިޕާޓްމަންޓްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުގެ އިތުރުން، މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައި ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތު މެނޭޖަރުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.