ރާއްޖޭގެ ތަރައްޤީއަށް ދިވެހި އިންޖިނޭރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ މިދިޔަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގެ އިންޖީނިއަރިންގެ ދާއިރާ ކުރިއެރުވުމެވެ.
އިންޖިނޭރުންގެ ދުވަހާ ގުޅިގެން މިދާއިރާއިން ކިޔަވާ ދަރިވަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޭނުންވަނީ ރާއްޖޭގެ އިންޖިނިއަރިންގެ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުންކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޖީނިއަރިން ދާއިރާތަކުން ކިޔަވާ ކުދިންނަށް ރަނގަޅު ތަޢުލީމީ ފުރުޞަތުތައް ޔުނިވަރސިޓީ ތެރެއިން ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ތަރައްޤީއަށް ބަލާއިރު ވަރަށް މުހިންމު އެކި ކަހަލަ އިންޖިނިއަރިންގ ފީލްޑްތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ޚިދުމަތް ކުރަން. ބޭރުމީހުންނެއް ނޫން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ދިވެހިން ރާއްޖޭގެ ހުރިހައި އިންޖީނިއަރިން ދާއިރާތަކުން މަސައްކަތްކުރަން. އެއީ އަޅުގަނޑު މަސައްކަތް ކުރާނެގޮތަކީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމީ މިދާއިރާއަށް މީހުން ނެރެން ބޭނުންވާތީކަމަށެވެ. އެހެންކަމުން ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަން ނިންމީ ކަމަށެވެ.
މި ބައްދަލުވުމުގައި އިންޖީނިއަރިން ދާއިރާގައި ކިޔަވަމުންދާ ބައެއް ކުދިން ވަނީ މި ދާއިރާގައި ދިވެހިންނަށްވުރެ ބޮޑަށް ބިދޭސީން މަސައްކަތްކުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެކަންކަން ހައްލުކޮށްދީ މި ދާއިރާއިން ދިވެހިންނަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދޭނެގޮތް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެކަމަށެވެ.
"ރާއްޖެފަދަ ކުޑަ އާބާދީއެއް އޮންނަ ތަނެއްގައި ޒުވާން ދިވެހިން އިންޖީނިއަރިން ދާއިރާއިން ކިޔަވައިގެން ނިކުމެއްޖެނަމަ ވަޒީފާ ނުލިބެންޖެހޭ ސަބަބެއް އޮވެގެންނުވާނެ. ބޭނުންވަނީ އެގޮތަށް ބަދަލުކުރަން". ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައިވެސް އިންޖިނިއަރިން ދާއިރާއަށް އިސްކަންދެއްވާނެކަމަށެވެ. އަދި ސަރުކާރުގެ ބޭނުމަކީ ސްކޫލްު ނިންމާ ކުދިން މި ދާއިރާއަށް ވަންނަން ހިތްވަރުދީ ހިތްޖެއްސުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.