ޗެލްސީ ކެޕްޓަން ރީސް ޖޭމްސް ކަކުލުގެ އޮޕަރޭޝަނެއް ކުރަންޖެހި 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ. އިންގްލެންޑްގެ ޑިފެންޑަރަށް އަނިޔާވީ ޗެލްސީ އެންމެފަހުން ލީގުގައި ބޯންމައުތާ ދެކޮޅަށް ނިކުތުމުގެ ކުރިން ޕްރެކްޓިސްގައެވެ.
މިވަގުތު އޮޕަރޭޝަން ކުރަން ނިންމި ނިންމުމަކީ ޖޭމްސްގެ ނިންމުމެކެވެ. އޮޕަރޭޝަނަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ސީދާ ދުވަހެއް ނޭންގުނު ނަމަވެސް ތިންމަސް ހޭދަވާނެ ކަމަށް ރިޕޯރޓްތައް ބުނެއެވެ. އޭނާ މިވަގުތު ދަނީ ޗެލްސީގެ މެޑިކަލް އޮފިޝަލުންނާއެކު ފަރުވާގެ ކަންކަން ފުރިހަމަ ކުރަމުންނެވެ. ޗެލްސީއަށް ރަށުން ބޭރުގައި ކުރިއަށް އޮތީ އެވަންޓަންއާ ވާދަކުރާ މެޗެވެ. އަމިއްލަ ދަނޑުގައި އޮންނާނީ ޓޮޓްނަމްއާ ވާދަކުރާ މެޗާއި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކުރާ މެޗެވެ. އަދި ކަރަބޯއާ ކަޕްގައި ލިވަޕޫލާ ވާދަކުރަން ޖެހޭ އުނދަގޫ މެޗުވެސް އޮތީ ކުރިއަށެވެ.
ފާއިތުވި މުއްދަތުގައި އަނިޔާގެ ސަބަބުން ޖޭމްސް އަށް އިންގްލެންޑްގެ ގިނަ މެޗުތަކެއް ގެއްލުނެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕާއި އޭގެ ފަހުންވެސް މުހިއްމު މެޗުތަކެއް ގެއްލުނެވެ. އެކަމަކު މިއަހަރު އޮތް ވޯލްޑްކަޕްގައި އިންގްލެންޑުން ލޯ މެޑަލް ހޯދިއިތު ޖޭމްސް ޓީމްގައި ހިމެނުނެވެ. މިދިޔަ ސީޒަނަށްފަހު އަނިޔާގެ ހާލަތު ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައިނަމަވެސް އަލުންވެސް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނީއެވެ.
އެންމެފަހުން އިންޓަރނޭޝަނަލް ބްރޭކްގައި އިންގްލެންޑް ކުޅުނު މެޗުތަކުންވެސް 26 އަހަރުގެ ޖޭމްސް އަށް ފުރުޞަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. ނޮވެމްބަރު މަހުގެ އިންޓަރނޭޝަނަލް ބްރޭކްގައި ވެސް ޖޭމްސް ހުންނަން ޖެހޭނީ ކުޅުމާ ދުރުގައެވެ. އިންގްލެންޑަށް އޮތީ ވެމްބްލީ ސްޓޭޑިއަމްގައި ކްރޮއޭޝިޔާ މެޗެވެ.