ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ކަމުދާ ލޯގޯއަކަށް ވޯޓަށް ހުޅުވާލައިފި


  • ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް ވޯޓު ދެވޭނެ

  • ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހުގެ 00:00

  • އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ އިނާމެއް

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަމަހުގެ 14 ގައެވެ. ލޯގޯ ފަރުމާކުރުމަށް ހުޅުވާލި މުއްދަތު މިދިޔަމަހުގެ 24 އަށް ހަމަވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި 22 ލޯގޯއެއް ވަނީ ވުޒާރާއަށް ލިބިފައެވެ.

ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ލިބުނު ލޯގޯތައް ފަނޑިޔާރުން އިވެލުއޭޓްކުރުމަށްފަހު 10 ލޯގޯއެއް ޝޯޓުލިސްޓު ކޮށްފައިވާކަމަށެވެ. އަދި މި 10 ލޯގޯގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއަކަށް ވޯޓުލުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.

އެންމެ ކަމުދާ ލޯގޯއަކަށް ވޯޓަށް ހުޅުވާލާފައިވަނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުދިނުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 00:00 އެވެ.



އެއްވަނައަށް ހޮވާ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އެއްވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައިކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެމަސައްކަތްތައް ވަނީ ފައްޓަވާފައެވެ. 5 އަހަރު ދުވަހުގެ މި މަޝްރޫޢަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ.

މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއެވެ. މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރުމަށް ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވަނީ އުފައްދަވާފައެވެ. މި ކެމްޕޭންގައި ބައިވެރިވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށްވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 34 މީޑިއާއަކުން ވަނީ ކެމްޕޭނުގައި ބައިވެރިވެފައެވެ.