ޚަބަރު

އައްޑޫ މީދޫގެ ދަނޑުވެރިކަން ކުރިއަރުވަން މުހިންމު 3 އެއްބަސްވުމެއް


  • ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރަން އެހީވާނެ

  • އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމުކުރުންވެސް ހިމެނޭ

އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް މީދޫ ކައުންސިލުން މަސްވެރިކަމާ ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއެކު މުހިންމު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރެވެ.

ސޮއިކުރެވުނު 3 އެއްބަސްވުން:

• މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުން
• މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުން
• މީދޫގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމުކުރުން

މީގެ ތެރެއިން ކޮކޮނަޓް ޕެސްޓް ރިހިބިލިޓޭޝަން ލެބުގެ އެއްބަސްވުމުގެ ދަށުން މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމުގައި ދަނޑުވެރިކަމާބެހޭ ވުޒާރާއިން އެއްބާރުލުންދޭނެއެވެ.

ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުމުގެ ތެރެއިން މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަންވެސް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން އެގްރޮފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް 10 ރަށަކާއެކު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.