ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއެކު ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނެޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށީގެ މަސައްކަތް އަދި ނެރު ފައިކަށީގައި ހިލަ ޖެއްސުމުގެ މަސައްކަތެވެ.
މުޅި މަޝްރޫއުގެ 49 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައެވެ.
ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 82،080 މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމާއި، 19،600 މީޓަރު ވެލި އައު ނެރުން ކޮނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 3،900 މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމާއި، 16،000 މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ އިތުރުން، 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 105 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން، އަދި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިއީ 78.65 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.