ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށް ފަސޭހަވެގެންދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ކަޅުތުއްކަލާކޮށީގައި ޢުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް، މި އަހަރުގެ ތެރޭގައި ފަށާނެކަން އިޢުލާންކުރައްވާފައެވެ.
ރައީސްގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތުގެ ޢުމްރާނީ ތަރައްޤީއަށް ބަލާއިރު ސިފައިންގެ އިމާރާތްތަކާއި ލޮޖިސްޓިކްއާއި އިދާރީ ހިންގުމަށް ބޭނުންވާ އިމާރާތްތަކުގެ އިތުރުން އެކަމަޑޭޝަން އިމާރާތްތަކުގެ ޙާލަތު ހުރީ ހިތްހަމަޖެހޭ ފެންވަރަކަށް ނޫންކަމަށެވެ. ވަޒީރު ވަނީ 2000ގެ ފަހުން އާބާތުރަ ފިލުވުމަށް މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރައްވާފައެވެ.
ދިވެހި ސިފައިންގެ ޚިދުމަތް މުޅި ރާއްޖޭގައި ދެމުން ދިޔަނަމަވެސް އެންމެ ގިނައިން ސިފައިން ތިބީ މާލެ ސަރަޙައްދުގައެވެ. އަދި އެންމެ ބޮޑު ޚިދުމަތެއް ދެމުންދަނީވެސް މާލެ ސަރަހައްދުގައެވެ. މިކަމަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޒުވާން ސިފައިން މާލެ ސަރަޙައްދުގައި ޤާއިމްވެ ތިބިކަމަށާއި މިހާރުގެ ހާލަތަކީ ސިފައިންގެ ވަޒީފާއަށް މާލެ އައިސް ކުއްޔަށް ތިބެންޖެހުންކަމަށެވެ. ނަމަވެސް ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު މިފަދަ އެތައް ކަމަކަށް ލުޔެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަޅުތުއްކޮލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށާއި ލޮޖިސްޓިކްއަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދާނެ." ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.
މާލޭގެ އިތުރުން އޭރިއާ ކޮމާންޑްތަކުގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށާއި ސިފައިންގެ އެކަމަޑޭޝަން ތަންތަނާއި ޒަމާނީ ތަރައްޤީގެ ދަށުން ގެންނަ ތަކެތި ރައްކާތެރިގޮތުގައި ބެހެއްޓޭނެ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރާއި އަންނަ އަހަރު ކުރަމުން ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި މަސައްކަތުގެ ހުރިހާ ކަމެއްގެ ރޭވުން ކުރިއަށްމިގެންދަނީ ސިފައިންގެ ސަރވިސް ކޯގެ މިލިޓަރީ އިންޖިނިއަރސްގެ ބެލުމުގެ ދަށުން. އެބޭފުޅުންގެ ރިކުއާމަންޓަށް އެންމެ ޒަމާނީ ގޮތަކަށް. ދިވެހި ދަޢުލަތަށް އެކަން ބުރައަކަށް ނުވެ ހާސިލްކޮށްދެވޭނެ ގޮތަށް. މާނައަކީ އިޤްތިޞާދީގޮތުންވެސް ފައިދާ ހުރި ގޮތަށް އަދި ރިކުއާމަންޓަށްވެސް އެންމެ ފުރިހަމައަށް އިޖާބަދެވޭގޮތަށް ރާވާލައިގެން." ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.
ދިވެހި ސިފައިންނަކީ އެމީހުންގެ މަސައްކަތްތަކަށް އަހުލުވެރިވުމުގެ ގޮތުން އެކި ތަމްރީންތައް ބޭނުންވާބައެއްކަން ފާހަގަކުރައްވާ ވަޒިރު ވަނީ ތަމްރީން ފޯރުކޮށްދިނުމުގެ ވަޞީލަތްތައްވެސް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރު ގިރިފުށީގެ ޓްރެއިނިން ސެންޓަރ އަލުން ޒަމާނީ ޓްރެއިނިން ސެންޓަރަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
އެކަމަށްޓަކައި އެރަށުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޖޫންމަހުގެ ކުރިން ނިންމާނެކަމަށާއި އެއާއެކު ޒަމާނީ ޓެރެއިނިން ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ ރިޔާސީ ބަޔާނުގައި ވާފަދައިން އެމް.އެން.ޑީ.އެފް.ގެ އައްޑޫ ޓްރޭނިންގ ސެންޓަރ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.