ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ އަހަރީ ފޮތް މައުރަޒު ފަށައިފި


  • މިއީ އެމްއެންޔޫގެ 6ވަނަ ފޮތް މައުރަޒު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ފޮތް މައުރަޒު ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ދިވެހި ލިޔުންތެރިންގެ ފޮތްތައް ހިމެނޭ މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ލިޔުންތެރިންގެ ހުނަރުތަކާއި އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި ފޮތްތައް ނެރުމަށް މަގުފަހިކޮށްދިނުމެވެ. އަދި އެއް ފުރާޅެއްގެ ދަށުން އެކި ބާވަތްތަކުގެ ފޮތްތައް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މުޖުތަމަޢުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ގިނަގިނައިން ފޮތް ކިޔުމަކީ މީހާގެ ސިކުނޑި ތަނަވަސްވެ އިލްމީ ގޮތުން ކުރިއަރައިދާނެކަމެއްކަމަށެވެ. އަދި ތަފާތު ދާއިރާތަކާއި އެކި ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ކިޔުމަކީ މައުލޫމާތުގެ ހަޒާނާ މުއްސަނދިވެ، ފިކުރީ ގޮތުންނާއި އިލްމީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ ޔުނިވަރސިޓީން މިފަދަ މާހައުލެއް ފަހިކޮށްދެއްވުމަކީ ދަރިވަރުންނަށާއި، ދިރާސާވެރިންގެ އިތުރުން ފޮތް ލިޔެ ވިއްކާ ފަރާތްތަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ގިނަ ގިނައިން ފޮތް ކިޔުމަކީ މީހާ މޮޅުވާނެ ކަމެއް. މަދުން ފޮތްކިޔާ މިހާއާއި ގިނައިން ފޮތްކިޔާ މިހާއާއި ތަފާތުވާނެ. އެމީކަކު ގިނައިން ފޮތްކީމިންވަރަކުން އެމީހެއްގެ ސިކުޑި ތަނަވަސްވެ، އެމީހަކު މޮޅުވެގެންދާނެ. އަދި ތަފާތު ދާއިރާތަކުގެ ފޮތްތަށް ކިޔާމީހުން އިތުރަށް މޮޅުވެގެންދާނެ. ތަފާތު ދާއިރާތަކުގެ މައުލޫމާތުތަށް ހަޒާނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ތަފާތު ބަސްބަހުން ލިޔެފަ ހުންނަ ފޮތްތަށް ކިޔުމަކީ އެމީހާއަށް އިލްމީ ގޮތުން ވަރަށްގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް." ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

މިއީ އެމްއެންޔޫން މި މައުރަޒު ބާއްވާ 6ވަނަ ފަހަރެވެ. ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވާ މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ. މި ރަސްމިއްޔާތުގައި އައު ފޮތެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ލިޔުންތެރިންނާއި ފޮތް ވިއްކާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި މައުރަޒުގައި ތުއްތު ކުދިންނާއި ބޮޑެތި މީހުންގެ ވާހަކަ ފޮތްތަކުގެ އިތުރުން، ޢާންމު މަޢުލޫމާތު ލިބޭ ފޮތްތަކާއި، ސްކޫލް ސްޓޭޝަނަރީ އަދި ދިވެހިންގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ.