ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އުވާލައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
އިޤްތިޞާދީ ވުޒާރާއިން ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމެންޓްސް ނުވަތަ ދިވެހި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތައް ޝާޢިއުކޮށްފައި މިދިޔަ އަހަރު ވަނީ ޝާޢިއުކޮށްފައެވެ. މިއީ 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނޫގެ ދަށުން އެކުލަވާލެވުނު ޝަރުތުތަކެކެވެ.
މިޝަރުތުތަކާ އެއްގޮތަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއިބެހޭ ވުޒާރާއިން ވިދާޅުވީ މިގޮތަށް ދިވެހިންނަށް ޚާއްސަކޮށްފައިވާ ދައިރާތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ދިޔަ ބޭރުގެ 28 ކުންފުންޏެއް އުވާލާފައިވާ ކަމަށެވެ. މި ކުންފުނިތައް އުވާލައި، އުވާލި ކުންފުނިތަކުގެ ލިސްޓު އެ ވުޒާރައިން މިހާރު ވަނީ ޝާޢިއުކޮށްފައެވެ.
ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތައް ދޫކޮށްލުމަށް ނުވަތަ މިހާރު ފުރުޞަތު އޮތް އެހެން ދައިރާތަކަށް ބަދަލުވުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ މުއްދަތެއް ދީފައެވެ. މިއާއެކު ބޭރުގެ ކުންފުނިތައް އުވާލާފައިވަނީ މިކަމާއި ގުޅޭ ހުރިހާ އިޖުރާޢަތްތައް އަދި ކުންފުނިތަކާއި ބެހޭ ޤާނޫނުގައިވާ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށްފަހު ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދައިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ އަލަށް ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނޫނީ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތައްކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމެންޓް ޤާނޫނެއް ބޮޑެތި ބަދަލުތަކެއް ގެނެސް އައު ޤާނޫނެއް ތަސްދީޤުކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. 45 އަހަރު ފަހުން ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލުތަކެއް ގެނެސްފައިވަނީ ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދީ ދިވެހިންނަށް ވާދަވެރި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. މި ޤާނޫނުގެ ދަށުން އިންވެސްޓްމެންޓްތައް ރައްކާތެރިކުރުމަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ޤާނޫނު އެކުލަވާލާފައިވަނީ، ގިނަ މަޝްވަރާތަކަށް ފަހު ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.