އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކާއި ހަވާލުކުރި އެމްބިއުލާންސްތައް އެމްޕީއެލްއިން އެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.
56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެރަށްތަކާއި ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ.
އެގޮތުން ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުމަކީ ހުރިހާ ރަށެއްގެ ޝަކުވާއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސިޔާސަތުތަކެއް ކަނޑައަޅައި އެކަން އެމްޕީއެލްއާއި ހަވާލުކުރިއެވެ.
އެމްޕީއެލްއާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ. އެ މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެގެނެސް އެރަށްތަކާއި ތަޅުދަނޑުވަނީ ހަވާލުކޮށްފައެވެ. އެމްޕީއެލްއިން މިހާރުވަނީ އެ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އަދި މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިމަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.