ބޮޑު ތަފާތަކުން އިނގިރޭސިން އަތުން ބަލިވުމާއެކު ގިނަ ކުޅުންތެރިންތަކެއް ޓީމުން ކުއްލި ގޮތަކަށް ޓީމުން ބާކީ ކުރުމުން މާޔޫސްވެފައި ތިބި ޕާކިސްތާނުގެ ކްރިކެޓް ޓީމާ އިނގިރޭސި ރަސްގެފާނު ޗާލްސް ބައްދަލު ކުރައްވައިފި އެވެ.
ކްލަރެންސް ހައުސްގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވެސް ބައިވެރިވަޑައިގަތެވެ.
"ރަސްގެފާނު ޗާލްސް ވަނީ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައި. އަދި ޕާކިސްތާނުން ސުލްހަ އަށް ކުރައްވާ މަސައްކަތަށް ރަސްގެފާނު ތައުރީފް ކުރެއްވި،" ނަގްވީ ވިދާޅުވި އެވެ.
ޕާކިސްތާން ޓީމު މިވަގުތު އިންގްލޭންޑްގައި ތިބީ ތިން މެޗު ޓެސްޓް ސީރީސްއެއް ކުޅުމަށެވެ. ޓީމުން ހަތް ކުޅުންތެރިއަކު ބާކީކޮށް ކޯޗު ވެސް މަގާމުން ވަކިކުރީ 194 ލަނޑުން އިނގިރޭސިން އަތުން ދެ ވަނަ މެޗުގައި ބަލިވުމުންނެވެ. ތިން ބަލިނުވާން ގަސްތުކޮށް ވަގުތީ ގޮތުން ކޯޗުކަން ދީފައިވަނީ އެ ގައުމުގެ އެއް ދުވަހުގެ މެޗުތަކުގެ ކޯޗު މައިކް ހެސެން އަށެވެ.
"އަހަރެން ފުރަތަމަ ވެސް ދާން ޖެހުނީ ރަސްގެފާނާ ބައްދަލު ކުރަން. އަހަރެން ޓީމާ ހަވާލުވިއިރު މިވަނީ ވަރަށް ގިނަ ސީނިއާ ކުޅުންތެރިން ވަކިކޮށް، ބަދަލުތަކެއް ގެނެސްފައި. އަހަރެން ވެސް މިހާރު ބަދަލުތަކެއް ގެނެސްފިން. އެއީ ޓީމު ބެލެންސް ކުރުމަށް،" އޭނާ ބުންޏެވެ.
"ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ދެރަވެފައި. އެއީ ނަތީޖާގެ ސަބަބުންނާއި ކުއްލި ގޮތަކަށް ޓީމަށް މިހާބޮޑު ބަދަލުތަކެއް އައުމުން. އެކަމަކު އަހަރުމެން މިހާރު މި ވިސްނަނީ ވީހާ ވެސް ބޮޑަށް ނަތީޖާ ނެރުމަށް،" ކޯޗު ބުންޏެވެ.