ޕޯލަންޑްގައި ރޭ ފެށި ފީފާ އަންޑަރ 20 ވިމެންސް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު މުބާރާތް ބާއްވާ ޤައުމު ޕޯލަންޑުން ކާމިޔާބު ކޮށްފިއެވެ.
ކަޓޮވައިސްގެ އެރީނާ ކަޓޮވައިސްގައި ކުޅުނު މިމެޗު ޕޯލަންޑުން ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާ އާއި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުންނެވެ. ގްރޫޕް އޭއަށް ނިސްބަތްވާ މިމެޗުގައި ޕޯލަންޑަށް އަމިއްލަ ޤައުމުގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނެއެވެ. މިމެޗުގައި ޕޯލަންޑުން ކާމިޔާބު ކުރި ފުރަަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އޮލިވިއާ ޒުވިއަޒެކެވެ. އަދި މިލަނޑު ޖެހިތާ 4 މިނެޓް ފަހުން ޕޯލަންޑްގެ ލީޑު އިތުރަށް ތަނަވަސްވީ އާޖެންޓީނާގެ ކެޕްޓަން އަނީކާ ޕާޒް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އަދި މިމެޗުގައި ޕޯލަންޑްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މާޔާ ޒިއެލިންސްކާއެވެ.
މިކާމިޔާބީ އާއެކު ޕޯލަންޑުން އެޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު އާޖެންޓީނާއިން ނޮކް އައުޓް ބުރުން ޖާގަހޯދާނަމަ ދެން ކުޅޭ ދެމެޗު ކާމިޔާބު ކުރުން މުހިންމެވެ. ގްރޫޕް އޭގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ ބެނިން އާއި މެކްސިކޯ ބައްދަލުކުރި މެޗު ނިމުނީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
މީގެއިތުރުން ގްރޫޕް ބީގެ ދެމެޗުވެސް ވަނީ ކުޅެފައެވެ. މިގޮތުން ބްރެޒިލް އާއި ޓެންޒޭނިއާ ބައްދަލުކުރި މެޗު 4-1 ލަނޑުން ބްރެޒިލް ކާމިޔާބު ކުރިއިރު ކެނެޑާ އާއި އިންގަލަންޑް ބައްދަލުކުރި މެޗު 1-1 ލަނޑުން ވީ އެއްވަރެވެ.
ޕޯލަންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންޑަރ 20 ވިމެންސް ވޯލްޑް ކަޕްގައި 24 ޓީމު ވާދަކުރެއެވެ. އަދި ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅެނީ 6 ގްރޫޕަކަށް ބަހާލައިގެންނެވެ.