މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މިއަހަރުގެ އެޕްރީލް 22އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފްއެސްއެމްގެ ޝެޑް ޤާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މެދުއިރުމަތީ ހަގުރާމައާއި ގުޅިގެން ދޫކުރާ ތެލުގެ ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް ދޫކުރަމުންދާ އިނާޔަތެކެވެ. އަދި މިއީ ފަހިހަކަތަ ޕްރޮގްރާމާއި ވަކިން "ފަހިހަކަތަ" ޕޯޓަލުން ރިކުއެސްޓެއް ޕޮނުވުމަކާ ނުލައި ދޫކުރަމުންދާ ސަބްސިޑީއެކެވެ. އެހެންނަމަވެސް މިހާރު ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދުފަހަރުތަކުން ރަޖިސްޓުރީވުމަށް ވަނީ މުއްދަތެއްދީފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އުޅަނދުފަހަރުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، މަސްވެރިކަން ކުރާ 17،000 އާއިލާގެ އާމްދަނީ ރައްކާތެރިކޮށް މަހަށް ފުރުމަށް މަގުފަހިކުރުމުގެ ގޮތުން މިއަހަރުގެ ދޭ ތެލުގެ ސަބްސިޑީއަކީ 2019 ވަނަ އަހަރުން ފެށިގެން ޑިއުޓީ އުނިކޮށްގެން ދޭ ޑީސަލްގެ އިތުރުން ދެވޭ ލުޔެކެވެ.
ސަރުކާރުން ގެނައި ބަދަލުތަކާއެކު، މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ކުރިން 4 ސަރަހައްދަކުން ދެމުން އައި މި ޚިދުމަތް މިހާރު ވަނީ އިތުރު 11 ސަރަހައްދަކަށް ފުޅާކޮށްފައެވެ. މީގެއިތުރުން، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 އާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރުގެ ތެޔޮ މިފްކޯއިން ދޫކުރެއެވެ.
މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިފްކޯއިން މިހާރު ވަނީ އެފްއެސްއެމްއާ ގުޅިގެން ކްރެޑިޓަށް ތެޔޮ ލިބޭނެ ނިޒާމެއްވެސް ޤާއިމުކޮށްފައެވެ. މި ނިޒާމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން ތެޔޮ އެޅޭނެ ކަމަށާއި، ތެލުގެ ފައިސާ ކަނޑާނީ މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ދޭ ޕޭމަންޓުންނެވެ.