ޕާކިސްތާނުގެ ކްރިކެޓްގެ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ މެދުގައި އޮތް ކެޕްޓަން ކަމުގެ ވާދަވެރިކަން ކަމަށް އެ ގައުމުގެ ކުރީގެ ކުޅުންތެރިން ބުނެފި އެވެ.
މި ބަހުސްގައި ވާހަކަ ދެއްކި ގިނަ ކުޅުންތެރިން މިހެން ބުނަން ފެށީ އިންގްލޭންޑް އަތުން 194 ލަނޑުން ބަލިވެ ކުއްލި ގޮތަކަށް ޓީމުގެ ހަތް ކުޅުންތެރިން ވަކިކޮށް ކޯޗުން ވެސް މަގާމުން ވެސް ވަކިކުރުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމުގަ އެވެ.
ކުރީގެ ކެޕްޓަން ޝާހިދު އަފްރީދީ ބުނީ ކެޕްޓަންކަމުގެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ޓެސްޓް ކްރިކެޓާއި ވަންޑޭ ކެޕްޓަން ބާބަރް އަޒަމް އާއި ޓުވެންޓީ20 ކެޕްޓަން ޝާހީން ޝާހް އަފްރީދީއާ ދެމެދުގައި ކަމަށެވެ.
"މި ދެ ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އެބައޮތް. މީގެ ސަބަބުން ވަރަށް ގިނަ ގޯސްތައް އެބަ އުފެދޭ. އަދި މި ވާދަވެރިކަމުގައި އެކަކު އަނެކަކުގެ ކެޕްޓަންކަމުގައި މޮޅަށް ކުޅެން ވެސް ބޭނުން ނުވާ މަންޒަރު ފެނޭ،" އޭނާގެ އަންހެން ދަރިފުޅާ ކައިވެނި ކޮށްގެން އުޅޭ ޝާހީންއާ ބެހޭ ގޮތުން އަފްރީދީ ބުންޏެވެ.
ޕާކިސްތާން ޓީމަށް ގެނައި ބަދަލުތަކާމެދު ވާހަކަ ދައްކަމުން ކުރީގެ ކޯޗު މައިކް އަރްތޫރު ބުނީ އޭނާ ކުރިން ހީކޮށްގެން ހުރީ ޕާކިސްތާނުގައި ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމުގައި ރަނގަޅު އޮނިގަނޑެއް އޮތް ކަމަށެވެ.
"އެކަމަކު މިހާރު އެނގިއްޖެ އެ މީހުންގެ އެވަރުގެ ހަރުދަނާ ކަމެއް ނެތް ކަން. ޕާކިސްތާން ރަނގަޅު ބިންގަލެއްގެ މަތީގައި ކުރިއަށް ދާ ކަމަށް ވިސްނުނު ވިސްނުމަކީ ގޯސް ވިސްނުމެއް،" ކޯޗު ބުންޏެވެ.
ނަމަވެސް ކްރިކެޓް ބޯޑުން ވަނީ ޕާކިސްތާން ޓީމަށް ގެނައީ ރަނގަޅު ބަދަލުތަކެއް ކަމަށާއި ހެޔި ބަދަލުތައް ފެނިގެންދާނެ ކަމަށް ބުނެ އެވެ.