ޚަބަރު

އިންޓަރއިން ފަހަތުން އަރާ ނަޕޯލީ ބަލިކޮށްފި


  • އިންޓަރއިން މިމެޗު ކާމިޔާބު ކުރީ 3 ލަނޑު 2 ލަނޑުން

އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނާއި ނަޕޯލީ ބައްދަލުކުރި މެޗު އިންޓަރއިން ފަހަތުން އަރާ ކާމިޔާބު ކޮށްފިއެވެ.

އިންޓަރގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމުން ތަނަވަސް ކުރި ނަމަވެސް މިއިން އެއްވެސް ޓީމަކަށް މިހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ 5 މިނެޓް ފަހުން ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ ނަޕޯލީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަޓިއޯ ޕޮލިޓާނޯއެވެ. އަދި ނަޕޯލީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަށްފަހު އިންޓަރއަށް ރަނގަޅަށް ހަމަނުޖެހިވި އުޅެނިކޮށް ނަޕޯލީގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވަޑް ރަސްމުސް ހޮއިލުންޑްެއެވެ.

މިމެޗުގައި އިންޓަރއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ. އަދި އިންޓަރއިން މިމެޗުން ނަތީޖާއެއް ހޯދުމަށް ހިތްވަރާއެކު ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މިމެޗުގައި އިންޓަރއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ތުރާމްއެވެ. އަދި މިމެޗުން އިންޓަރ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ލައުޓާރޯއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީ އާއެކު އިންޓަރއިން ލީގު ދިފާއު ކުރުމަށް ކުރަމުންދާ މަސައްކަތުގައި މިސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް މިވަނީ ކާމިޔާބު ކޮށްފައެވެ. އަދި ނަޕޯލީ މިވަނީ އެޓީމު އެންމެ ފަހުން ކުޅުނު 2 މެޗުންވެސް ބަލިވެފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗަކަށް ބަލާލާއިރު ފިއޮރެންޓީނާ އާއި ޓޮރީނޯ ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޓޮރީނޯއެވެ.