ކުޅިވަރު

ފުރަތަމަ ފަހަރަށް ބާސެލޯނާގެ ކެޕްޓަންކަން ބްރެޒިލް މީހަކަށް


127 އަހަރުގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ސްޕޭނުގެ ބާސެލޯނާގެ ކެޕްޓަންކަން ބްރެޒިލް ކުޅުންތެރިއަކަށް ދީފި އެވެ.

މިގޮތުން މި ސީޒަނުގައި ބާސެލޯނާގެ ކެޕްޓަންކަން ކުރާނީ ރަފީނިއާ އެވެ. އޭނާ އަކީ މީގެ ތިން ސީޒަން ކުރިން ލީޑްސް ޔުނައިޓެޑުން 55 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ބަދަލުވެ މިހާރުގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް ކެޕްޓަންކަން ދޭން ނިންމީކޯޗު ހަންސީ ފްލިކެވެ. ދެ ވަނަ ކެޕްޓަނަކީ ސްޕޭނުގެ މިޑްފީލްޑަރު ޕެޑްރީ އެވެ. މި ދެ ކުޅުންތެރިން ނެތް ހާލަތެއްގައި ކެޕްޓަން ބޭންޑް އަޅަން ކުޅުންތެރިން ހޮވާފައިވަނީ ޑިފެންޑަރު އެރިލް ގާސިއާ އާއި މިޑްފީލްދަރު ފްރޭންކީ ޑިޔޮންގް އާއި ފޯވަޑް ލަމީން ޔަމާލެވެ. ޓްރާންސްފާ މާކެޓް ނިމެންދެން ވަގުތީ ގޮތުން ކެޕްޓަންކަން ދީފައިވަނީ ވެސް ރަފީނިއާ އަށެވެ.

ބާސެލޯނާ އަކީ ބްރެޒިލްގެ މޮޅު ކުޅުންތެރިން ގިނަ އަދަދަކަށް ކުޅުނު ޓީމެކެވެ. ރޮނާލްޑޯ ނަޒާރިއޯ އާއި ރޮމާރިއޯ އާއި ރޮނާލްޑީނިއޯ އާއި ރިވާލްޑޯ އާއި ނޭމާ ވެސް ބާސެލޯނާ އަށް ކުޅުނެވެ. އެކަމަކު މިއިން އެއްވެސް ކުޅުންތެރިއަކަށް ކެޕްޓަން ބޭންޑާ ހަމައަށް ދަތުރު ނުކުރެވުނެވެ.

ކޯޗު ހަންސީ ފްލިކް ބުނީ ފާއިތިވެދިޔަ ދެ ސީޒަނުގައި އޭނާ ހުރީ ބާސެލޯނާގައި ކަމުން ޓީމާއި ކުޅުންތެރިން ވެސް އެނގޭ ކަމަށާއި މިވަގުތު ޓީމު ލީޑް ކުރަން އެންމެ ރަނގަޅު މީހަކީ ރަފީނިއާ ކަމަށެވެ.

"ފަސް ކުޅުންތެރިންގެ ތެރެއިން އަހަރެން ނިންމީ ދެ ކުޅުންތެރިން. އެއީ ރަފީނިއާ އާއި ޕެޑްރީ. އަނެއް ތިން ކުޅުންތެރިން ހޮވީ ކުޅުންތެރިން. މި ގޮތުން އެއްވަނަ ކެޕްޓަނަކީ ރަފީނިއާ، ދެން ޕެޑްރީ، ތިން ވަނަ އަކީ އެރިކް، ދެން ފްރޭންކީ އަދި ޔަމާލް،" ފްލިކް ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ކެޕްޓަން ހޮވުމުގައި އޭނާ ވަރަށް ގިނަ ކަންކަމަށް ބެލި ކަމަށާއު ރަފީނިއާ އަކީ ނުފޫޒުގަދަ ކުޅުންތެރިއެއް ކަމަށެވެ.

އާއްމުކޮށް އަރިމަތިން ކުޅޭ ރަފީނިއާ މި ސީޒަނުގައި ބާސެލޯނާގައި އަދާ ކުރަނީ ފޯވަޑެއްގެ ރޯލެވެ. ޓީމުގައި ރަސްމީ ފޯވަޑުން މަދުވުމުން އެ މަގާމަށް ރަފީނިއާ ލައްވައި ކުޅުވަނީ އޭނާ އަކީ ވަރަސް ގިނަ ހުނަރު ލިބިފައިވާ ކުޅުންތެރިއަކަށްވާތީ ކަމަށް ވެސް ފްލިކް ބުންޏެވެ. އަދި ފޯވަޑެއްގެ ގޮތުގައި ކުޅެ މިހާތަނަށް ދެ މެޗުން ފަސް ގޯލު ޖެހުމުން ރަފީނިއާގެ މުހިންމު ކަމަށާއި އޭނާގެ މޮޅުކަން ސާބިތުވާ ކަމަށް ވެސް ފްލިކް ބުންޏެވެ.