ޚަބަރު

މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި މަސްވެރިންގެ ގުންޒަރު ކާމިޔާބު!


  • ރާއްޖޭގެ މަސްވެރި 9 އަތޮޅަކުން 40 މަސްވެރިން ގުންޒަރުގައި ބައިވެރިވި

  • މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަޒީރު ވަނީ ޖަވާބުދާރީވެފައި

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ގުންޒަރު ނިންމާލައިފިއެވެ. މި ގުންޒަރުގައި 40 އަށްވުރެ ގިނަ މަސްވެރިން ބައިވެރިވެފައިވެއެވެ.

މަސްވެރިންގެ ގުންޒަރު ކުރިއަށް ގެންގޮސްފައިވަނީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގައިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގުންޒަރުގައި ރާއްޖޭގެ 9 އަތޮޅަކުން 40 އަށް ވުރެ ގިނަ މަސްވެރިން ބައިވެރިވެފައިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 4 އުފެއްދުންތެރިން ގުންޒަރުގައި މަޝްވަރާތަކުގައި ބައިވެރިވެފައިވެއެވެ.

މިމަހުގެ 10 އިން 11 އަށް މަސްވެރިންގެ ގުންޒަރު ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ދުވަހު، ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޝަނުގައި ވަޒީރު އަރިހުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ޓެކްނިކަލް ބޭފުޅުންނާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ބައިވެރިވެވަޑައިގެންފައިވެއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މި ސެޝަނުގައި މަސްވެރިންގެ ފަރާތުން ގިނަ ކަންކަމުގައި ޚިޔާލާއި މަޝްވަރާ ލިބުނު ކަމަށެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސެޝަނުގެ ތެރެއިން ވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާ އަދި މިފްކޯގެ ފަރާތުން ޖަވާބުދާރީ ވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ގުންޒަރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިންގެ ގުންޒަރުގެ ތެރެއިން މަސްވެރިން ވަރަށް ބޮޑު ޝައުޤުވެރިކަމަކާއެކު ބައިވެރިވެ ޚިޔާލާއި މަޝްވަރާ ދެއްވާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ބަދަލުވަމުން އަންނަ މަސްވެރިކަމުގެ ސިނާޢަތެއް އޮތްއިރު ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ވެގެންދާ ކަމަށެވެ.

ގުންޒަރުގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކް އެސެސްމެންޓް ހެދުމުގައި ދިވެހިރާއްޖެއިން އަދާ ކުރާ ދައުރާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގައި ކުރަމުންދާ މަސައްކަތުގެ ތަފްސީލްތަށް މަސްވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ދިވެހި ޒުވާނުން މަސްވެރިކަމަށް ނެރުމުގެ މުހިންމުކަމާއި، މަސްވެރިކަމުގެ ޤާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން މަސްވެރިކަމާއި ގުޅުން ހުރި އެކި ދާއިރާތަކުން މަސްވެރިންނަށް ފޯރުކޮށްދެމުންދާ އެހީތަކާއި ގުޅޭގޮތުން މަސްވެރިންނަށް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ސެޝަންގައި ބައިވެރިވި ފަރާތްތަކުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ވަނީ، ގުންޒަރުގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތުގެ ހުރި ގޮންޖެހުންތައް ހިއްސާ ކުރުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރިވި ކަމަށާއި، މަޝްވަރާތަކުގައި އަލީގައި ކަންކަން ތަންފީޒުވާން ފެށުމުން ބަދަލެއް ފެނިގެންދާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މަސްވެރިންގެ ގުންޒަރަކީ، މަސްވެރިކަމުގައި ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރުމަށް ބައްވާ ފޯރަމެކެވެ.