ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ އައު ސްކޫލް، ޝަހީދު ޢަލީގެ މަސައްކަތުގެ އަންނަ ޑިސެމްބަރުމަހު އެއްކޮށް ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. "ޝަހީދު އަލީ" ސްކޫލަކީ މިސަރުކާރުން ތަރައްޤީކުރަން ފެށި ފުރަތަމަ ސްކޫލެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ "ޝަހީދު އަލީ" ސްކޫލްގެ މަސައްކަތުގެ %94 މިހާރު ނިމިފައިވާކަމަށެވެ. އަދި އެ ސްކޫލް އަންނަ ދިރާސީ އަހަރަށް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ވަޒީރު ވިދާޅުވީ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލައި ކުދިންނަށް ޖާގަ ދެމުން އަންނަކަމަށެވެ.
"މި ފެށޭ ޑިސެމްބަރު މަހުގެ ތެރޭގައި އެ ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމާނެ. މިއާއެކު ފެށޭ ދިރާސީ އަހަރު ސްކޫލް ރަސްމީކޮށް ހުޅުވާނެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ޝަހީދު އަލީ ސްކޫލަށް ޕްރިންސިޕަލަކު ކަނޑައަޅައި މުދައްރިސުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މިސްކޫލަކީ 1500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މިސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މިހާތަނަށް 900އަށްވުރެ ގިނަ ކުދިންނަށް ވަނީ އެ ސްކޫލުން ޖާގަ ދީފައެވެ. މިސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ. ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
"ޝަހީދު އަލީ" ސްކޫލްގެ އިތުރަށް މާލޭގައި ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާފައިވާއިރު މިހާތަނަށް %14 މަސައްކަތް ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ނޮވެެންބަރު މަހަށް އެ ސްކޫލްގެ މަސައްކަތް ނިމްމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެ ސްކޫލް ހުޅުވުމަަށްވެސް ވަނީ ނިންމާފައެވެ. ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ.