ޚަބަރު

އަންނަ މަހު ނޮޅިވަރަންފަރުގައި އަމިއްލަ ގޯތީގައި ގެ އަޅައިދޭން ފަށަނީ


  • ޖުމްލަ 250 ހައުސިން ޔުނިޓް އަޅާނެ

  • އައު ސްކޫލެއް ޢިމާރާތްކުރާނެ

  • ސިއްޙީ ދާއިރާގެ ޚިދުމަތުގެ ފެންވަރު މަތިކުރާނެ

ނޮޅިވަރަންފަރުގައި ގެވަޅު އޮވެ ގެ ނޭޅޭ ގޯތިތަކުގައި ގެ އަޅައިދިނުމުގެ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނޮޅިވަރަންފަރުގައި 250 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އޭގެތެރެއިން 100 ޔުނިޓް އާންމު ރައްޔިތުންގެ ގޯތީގައި އެޅުމަށް ނިންމާ އަންނަ މަހު އެމަސައްކަތް އެޗްޑީސީއާ ހަވާލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ސްކޫލަށް ޖާގަ އިތުރުކޮށް މަލްޓިޕާޕަސް ހޯލާއި ވަސީލަތް ތަރައްްޤީކުރުމާއި، ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމާއި، ފުޓުބޯޅަ ދަނޑު ތަރައްްޤީކުރުމާއި، ބަނދަރު ބޮޑުކުރުމާއި ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިން ކައުންސިލާ ހަވާލުކުރުމާއި، 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ނޮޅިވަރަންފަރުގެ ތަރައްޤީއަށް ސޮއިކުރެވުނު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިމަޝްރޫޢުތަކަކީ ނޮޅިވަރަންފަރު ރައްޔިތުންގެ ތަރައްޤީގެ މިންގަނޑު އުފުލިގެންދާނެ މަޝްރޫޢުތަކަކަށްވާނެކަމަށެވެ. މިއިން ކޮންމެ މަޝްރޫޢަކީ ވަރަށް އިސްކަމެއްދެއްވައިގެން ހަލުވިމިނުގައި ގެންދަވާނެ މަޝްރޫޢުތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިއީ ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު ސަފްހާއެއްކަމަށާއި، ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢުތަކަކަށްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ސިއްޙީ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި އެންމެ މަތީ ފަންތީގެ ސިއްޙީ ޚިދުމަތެއް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ކުރެވުމުގެ ކުރިންވެސް އެރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް މަތިކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތާއި މުވައްޒަފުން އިތުރުކުރުން ކުރިއަށްދާނެކަމަށެވެ.

ރައީސްގެ ވާހަކަފުގައި ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ތަރައްޤީކުރެވޭނީ ވަސީލަތް ހަމަ އައު ސްކޫލެއްކަމަށެވެ.

"މިމަޝްރޫޢު ކުރިއަށްގެންދަނީ އަޅުގަނޑު ވަޢުދުވީގޮތަށް. ކައުންސިލުން ދިން ބިމުގައި އައު ސްކޫލެއް އެޅުމަށް މި ފަށަނީ، މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބާއި އެނޫންވެސް ވަސީލަތްތަކާއެކު ފުލްފުލެޖު އައު ސްކޫލެއް އެޅުމުގެ މަސައްކަތް މި ފެށެނީ. އެ މަސައްކަތް މިއަހަރު ފެށި އަދި އަންނަ އަހަރު ކުރިއަށްގޮސް އޭގެ އަނެއް އަހަރު ބޭނުންކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެރަށު ކައުންސިލާ ހަވާލުކުރެވުނު 100 ހައުސިން ޔުނިޓުން އެރަށުގެ ގެދޮރުގެ މައްސަލަ ހައްލު ނުވާނެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް އައު ހައުސިން މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށާއި، އެރަށުގައި 250 ހައުސިން ޔުނިޓް އެޅުމަށް ނިންމަވާފައިވާއިރު އޭގެ ތެރެއިން 100 ޔުނިޓް އެޅުން އަންނަ މަހު އެޗްޑީސީއާ ހަވާލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އެރަށުގައި ގޯތިއޮވެ އެތަނުގައި ގެ ނޭޅޭ ފަރާތްތަކުގެ ގޯތީގައި 3 ކޮޓަރީގެ އެޕާޓްމަންޓު އެޅުމުގެ މަޝްރޫޢެއްގެ ގޮތުގައި ހިންގާ މަޝްރޫޢެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެފަރާތްތައް ކައުންސިލުން ފާހަގަކުރާނީ. މިނިސްޓްރީއާ ގުޅިގެން، އަންނަ މަހު ކުރީކޮޅު ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭނެ. އަމިއްލަ ގޯތީގައި ގެ ނޭޅޭ ފަރާތްތަކަށް ލުއި ގޮތްތައް ވެގެން އެދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ގެވަޅު އޮވެ ގެ ނޭޅޭ 100އެއްހާ ގޯތި އެބައޮތްކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން އެކުލަވާލި އެއްބަސްވުމުގެ ދަށުން އެރަށުގައި ފީފާ ސްޓޭންޑަޑް ދަނޑަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރާނެކަމަށާއި، އެތަންތަން ވާނީ ކުޅިވަރުގެ ދާއިރާއިން ކާމިޔާބު ހޯދުމަށް ހުޅުވޭ ދޮރަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ. މިހާރުން މިހާރަށްވެސް ބައެއް ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރައްވާނެކަމަށާއި، އެގޮތުން ވޮލީ ކޯޓެއް ތަރައްޤީކުރަން ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ.

ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ނޮޅިވަރަންފަރުގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރަނީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަރުކަޒު ކޮންމެ ރަށެއްގައިވެސް ޤާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައ ކުނި މެނޭޖުކުރުން ވެމްކޯއާ ހަވާލުކުރުމަށް ނިންމަވާފައިވާކަަމަށެވެ. އެ މަސައްކަތް ލަސްވެގެން ފަސް މަސްތެރޭ ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ޓޫރިޒަމް ބިމަކީ ރަށުގެ ތަރައްޤީއަށް މުހިންމު ވަސީލަތަކަށްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން 14 ހެކްޓަރުގެ ބިން ބޭނުން ނުކުރެވި އޮތުމަށްފަހު، ރަސްމީކޮށް ހުރިހާ މަރުހަލާއެއް ނިންމައި ކައުންސިލާ ހަވާލުކޮށްފައިވާއިރު، އެމަނިކުފާނު ވަނީ ވީހާވެސް އަވަހަށް އެބިން ތަރައްޤީކުރުމަށް އިންވެސްޓަރެއް ހޯދުމަށް ކައުންސިލަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ މަޝްރޫޢުން ކައުންސިލަށް ލިބޭ އާމްދަނީއަކީ ރައްޔިތުންނަށް ފައިދާވާނެ އެއްޗަކަށްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން އިތުރު މަޝްރޫޢުތައްވެސް ހިމަނުއްވާނެކަމަށެވެ. އަދި ކުރިއަށް އޮތީ އަމަލީގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ފެށި ހިނގާނެ ދުވަސްތައްކަމަށާއި އެކަންކަމުން ރައްޔިތުންނަށް ކުރިއެރުން ލިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.