ޚަބަރު

ނެއްލައިދޫގެ މަޝްރޫޢެއް ފެށީ ހުރިހާ އިންތިޒާމުތަކެއް ފަހިކުރުމަށްފަހު: ރައީސް


  • ނެއްލައިދޫގައި މއަހަރު ގާތްގަނޑަކަށް 9 މަޝްރޫޢު ހިންގާނެ

  • އަންނަ އަހަރުވެސް ގިނަ މަޝްރޫޢުތަކެއް ފަށާނެ

ނެއްލައިދޫގެ ތަރައްޤީއަށް މިއަހަރު ފެށި ހުރިހާމަޝްރޫޢުތަކަކީވެސް ކުރިއަށްދާނެ އިންތިޒާމުތައް ހަމަޖައްސައިގެން ފެއްޓެވި މަޝްރޫޢުތަކެއްކަމަށާއި، ހުރިހާ މަޝްރޫޢުތައްވެސް މަޑުނުޖެހި ބާރަށް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނެއްލައިދޫގައި މިއަހަރު ގާތްގަނޑަކަށް 9 މަޝްރޫޢު ހިންގުމަށް ކަނޑައަޅައި ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށްޓަވާފައެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުވެސް ގިނަ މަޝްރޫޢުތަކެއް އެރަށުގައި ހިންގަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައ ޒަމާނީ މިސްކިތެއް ބިނާކުރުމަށާއި، ކައުންސިލް އައު ޢިމާރާތެއް އެޅުމަށާއި، ސިއްޙީ މަރުކަޒުގެ އައު އިމާރާތެއްގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުން ކުންފުނިތަކާ ހަވާލުކޮށްފައެވެ. އަދި އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށްޓަވާދެއްވާފައެވެ.

ހދ. ނެއްލައިދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނެއްލައިދޫގައި ގިނަ މަޝްރޫޢޫތަކެއް ފެށްޓެވީ ކުރިއަށްދާނެ އިންތިޒާމުތައް ފަހިކުރުމަށްފަހު ކަމަށެވެ. އެއިން ކޮންމެ މަޝްރޫޢެއް ބާރަށް ކުރިއަށް ގެންގޮސް، ފުރިހަމައަށް ނިންމައި، އެ މަޝްރޫޢުތަކުން ރައްޔިތުންނަށް ކުރިއެރުމާއި ފަސޭހަތައް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ނެއްލައިދޫގެ ބަނދަރުގެ ޖެޓީއެއް ތަރައްޤީކުރުމާއި މަގު ހެދުމުގެ މަޝްރޫޢުވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި 60 ހައުސިންޔ ޔުނިޓް އެޅުން އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

ރަށްރަށުގައި އޭޓީއެމް ބަހައްޓާތީ ކިޔާ ފަޑުކިޔުންތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، އެއީ އާދައިގެ ކަމެއް ނޫންކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުންކަމަށެވެ. އެގޮތުން ބޭންކިންގެ ޚިދުމަތްވެސް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އިސްކަންދެއްވަނީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭޓީއެމް ނެތުމުން އެތައް ފައިސާއެއް ޚަރަދުކޮށް ރަށްރަށް ދަތުކުރަންޖެހޭކަމަށާއި، އެކަމަށް ހައްލު ލިބި އަދި ރަށުގައި އެކިއެކި މަސައްކަތްކުރާ ފަރާތްތަކަށްވެސް އެކަމުގެ ފަސޭހަކަން ލިބޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަޝްރޫޢުން ނެއްލައިދޫގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، ވަސީލަތްތައް ޤާއިމްކުރުމުގެ ޖާގަ ލިބޭނެކަމަށެވެ. އަމާޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒަކަށް އެރަށުގެ ސިއްޙީ މަރުކަޒު ހެދުންކަމަށާއި، އެކަމަށް މުވައްޒަފުން އިތުރުކުރުންވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނެއްލައިދޫގައި ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ލައިޓު ހަރުކޮށް ދަނޑު ފުރިހަމަކޮށްދޭނެކަމަށާއި، މަސައްކަތް ވަރަށް އަވަހަށް ފަށައި މިއަހަރު ފުރިހަމަކުރާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓްސަލް އަދި ހޭންޑު ބޯލް ކުޅެވޭނެގޮތަށް ފުރިހަމަ ދަނޑެއްވެސް އެޅުމަށް ޕްލޭންކޮށް ޖެނުއަރީ މަހުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން ބިންގާ އެޅީ ޒުވާނުންނަށް މުހިންމު މަޝްރޫއެއް. ފިޓްނަސް އެންޑް ރެކްރިއޭޝަން އެންޓަރު. މިުއީ މުޅި ރާއްޖޭގައި ޤާއިމްކުރާނެ ސެންޓަރެއް. އެތަނުގައި އިންޑޯ ކުޅިވަރާއި ގިނަ ފެސިލިޓީތައް ހުންނާނެ. މި މަރުކަޒާއެކު ކުރިއެރުން ލިބޭނެ." ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިދާރާ މަޝްރޫރޫޢާއެކުވެސް ރައްޔިތުންނަށް ކުރިއެރުންތަކެއް ލިބޭނެކަމަށާއި މި ހުރިހާ މަޝްރޫޢުއެއްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމުގެޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ގެދޮރުވެރިކަމަށް ސޮއިކުރި މަޝްރޫއުވެސް އެޗްޑީސީން އިސްކަންދީގެން ކުރިއަށްދާނެކަމަށާއި، އަދި ބަނދަރުގެ ޖެޓީ ހެދުމާއި މަގު ހެދުމުގެ މަސައްކަތާއެކު މިއީ ރިޔާސީ ވަޢުދުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރަށްގިރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަން ޖެހިފައިވާތީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މައްސަލަ ހައްލުކުރައްވާނެކަމަށެވެ.

"ދޭނެ ޔަޤީންކަމަކީ ރަށްގިރުމުގެ މައްސލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫޢު އަންނަ އަހަރު ހިންގައިދޭނެކަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގައި ނިމުމަކާ ގާތަށް ގޮސްފައިވާ ފެނާ ނަރުދަމާގެ މަޝްރޫޢުވެސް ވަރަށް އަވަހަށް ފުރިހަމަކޮށްދޭނެކަމަށާއި، އެ މަޝްރޫޢުގެ 95 އިންސައްތަ ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނެއްލައިދޫ ސްކޫލަކީ އޯލެވެލް އަދި އޭލެވެލްގައިވެސް ރަނގަޅު ނަތީޖާ ނެރޭ ސްކޫލެއްކަަން ފާހަގަކުރައްވާ ރައީސް ވަނީ މަލްޓިޕާޕަސްހޯލާއި، ކްލާސްރޫމާއި، ލެބްތައް ހިމެނޭހެން ވަސީލަތައް ޤާއިމްކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ.

ނެއްލައިދޫގެ އިޤްތިޞާދު ކުރިއެރުވުމުގެ މަސައްކަތަށް، އެ ރަށް ކައިރީ އޮތް ހިރިނައިދޫ ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެރަށުގައި އިޤްތިޞާދީ މަޝްރޫޢުއެއް ފެށުމަށް އެދިވަޑައިގެންފައެވެ. އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ނެއްލައިދޫގެ ތަރައްޤީއަށް މިއަހަރު އެކަނިވެސް 9 މަޝްރޫޢު ހިންގާކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މަޝްރޫޢުތަކަށް ވަރަށް ޚާއްޞަ ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.