ޚަބަރު

ރަސްދޫ ރައްޔިތުންނާއި ޓޫރިޒަމަށް ނަފާވާނެގޮތަށް މަޑިވަރު ފިނޮޅު ތަރައްޤީކޮށްދޭނަން: ރައީސް


  • ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކެއް އެ ރަށުގައި ފައްޓަވާފައިވާކަން ފާހަގަކުރެއްވި

ރަސްދޫ ރައްޔިތުންނާއި ޓޫރިޒަމަށް ނަފާވާނެގޮތަށް މަޑިވަރު ފިނޮޅު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ރަސްދޫގައި އަލަށް ފައްޓަވާފައިވާ މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްކަމަށާއި، ބާރު ދުވެލީގައި ކުރިއަށްގެންގޮސް އޭގެ ނަފާ ރައްޔިތުންނަށް ހޯދައިދެއްވާނެކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ރަސްދޫ މަގު ހެދުމާއި، ސްކޫލަށް ޖާގަ އިތުރުކޮށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި، ސްޕޯޓްސް ކޮމްޕްލެސް އިމާރާތްކުރުން އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން ރައީސް ވާހަކަފުޅުގައި މިހާރު ހިނގަމުންދާ ބަނދަރު މަޝްރޫޢުއަކީ ރަށަށް މުހިންމު މަޝްރޫޢުއެއްކަމަށް ވިދާޅުވެ އެ މަސައްކަތް މިހާރު އަމަލީގޮތުން ފެށިފައިވާކަން ފާހަގަކުރެއްވިއެވެ. ރަސްދޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް އެންމެ ރަނގަޅު ޙައްލު ހޯދައިދޭނެކަމަށާއި، މަގު ހެދުމުގެ މަޝްރޫޢުވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލަށް ކޮމްޕިއުޓާރ ލެބާއި ސައިންސްލެބާއި، މަލްޓިޕާޕަސް ހޯލާއި އިތުރު ވަސީލަތްތައް ޤާއިމްވެގެންދާނެކަމަށެވެ. އަދި އެރަށަށް ދީފައިވާ މަޑިވަރު ފިނޮޅު ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އޭގެ އިތުރުން ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް މަޑިވަރު ފިނޮޅު ތިބޭފުޅުން ބޭނުންވާގޮތަށް ހަދައިދިނުމަކީ އަޅުގަނގެ ވަޢުދެއް. އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްޤިކޮށްދީ، ތިބޭފުޅުން ޓޫރިޒަމް ބޭނުމަށް ބޭނުންކުރެވޭނެގޮތަށް ހައި ޕްރިއޯރިޓީގައި މަސައްކަތްކޮށްދޭނަން.”ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާވެސް ހިމެނޭހެން ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެގޮތުން މިސްކިތެއް ބިނާކުރުމަށް ބިން ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ފައްޓަވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާތަނަށް މިސްކިތް އެޅުމުގެ މަސައްކަތް ނުފެށި އޮތީ ރަށު ކައުންސިލުން މިސްކިތް އެޅުމަށް ބޮޑު އަގުގައި ބިން ދިނުމަށް ކަނޑައެޅުމުގެ ސަބަބުންކަމަށާއި ނަމަވެސް މިސްކިތް އެޅުމަށް މިހާތަނަށް އެއްވެސް ރަށަކުން އަގު ކަނޑައަޅާފައި ނުވާކަމަށެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަށް ޒަމާނީ މިސްކިތެއް ބިނާކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެއެވެ.

ރައީސް ވިދާޅުވީ ކައުންސިލަށް އާމްދަނީ އިތުރުކޮށްދިނުމުގެ ގޮތުން ފުލުހުންގެ ބޭނުމަށް ކުރިން ނަގާފައިވާ ބިމުން 10،000 އަކަފޫޓު ވަކިކޮށް ކައުންސިލާ ހަވާލުކުރުމަށް ނިންމާާާފައިވާކަމަށެވެ. އަދި އެބިން ޓޫރިޒަމް ބޭނުމަށާއި، އެނޫންވެސް ބޭނުންތަކަށް ކައުންސިލަށް ބޭނުންކުރެވޭނެކަމަށާއި، އެމަނިކުފާގެ ސަރުކާރުން މަސައްކަތްކުރައްވަނީ ކައުންސިލްތައް ބާރުވެރިކޮށް އާމްދަނީ އިތުރުކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ އެމަނިކުފާނު ރަސްދޫއަށް ކުރެއްވި ދެވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، ތިންވަނަ ދަތުރުފުޅަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އެރަށަށް ކުރައްވާ ދަތުރުފުޅަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.