ޚަބަރު

މާފަރުފަޅު ހިއްކާ މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސް ނިންމަވައިފި


  • މިގޮތަށް ނިންމެވީ މަހިބަދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް

  • ރަށުގެ އާބާދީ 2000 އިން މައްޗަށް އަރާ

  • ބިން ފުރި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ރަށެއް

އަރިއަތޮޅު ދެކުނުބުރި މަހިބަދޫ ކައިރީގައި އޮތް މާފަރުފަޅު ހިއްކާ، މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައިފިއެވެ.

ރައީސް ޞާލިޙު މިގޮތަށް ކަނޑައެޅުއްވީ މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކާއެވެ.

އދ. މަހިބަދުއަކީ އެ އަތޮޅުގައި އޮންނަ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ޢުމްރާނީ ތަރައްޤީގެގޮތުން ބަލާއިރު މިއީ މި އަތޮޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ރަށުގެ އާބާދީ 2000 އިން މައްޗަށް އަރާއިރު، ރަށުގެ ބޮޑުމިނަކީ 22.3 ހެކްޓަރެވެ.

މިއީ ރަށުގެ ބިން މުޅިންހެން ފުރިފައި އޮތް ރަށެކެވެ. ދިރުއުޅުމަށް ގޯތި ދޫކުރާނެ ބިމެއް ނެތެވެ. އަދި ސިނާޢީ މަސައްކަތްތަކާއި އެނޫންވެސް އިޤްތިޞާދީ އެކިއެކި މަސައްކަތްތަކަށް ދޫކުރެވޭނެ ބިމެއްވެސް ރަށުގައި އަމުދުން ނެތެވެ. މިއީ ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.