ޚަބަރު

އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެ، އުރުދުޣާން ދެއްކެވީ ފަލަސްތީނަށް އެހީވުމުގެ ވާހަކަ


  • އިންތިޚާބީ ރައީސަށް ތުރުކީގެ ރައީސް މަރުޚަބާ ދެންނެވި

  • ފަލަސްތީނަށް އިންސާނީ އެހީފޯރުކޮށްދިނުމާގުޅޭގޮތުން ވާހަކަދެއްކެވި

  • މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާކަން ހާމަކުރެއްވި

ފަލަސްތީނުގެ ރައްޔިތުުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުރުދުޣާންގެ މި ފޯނު ކޯލުގައި މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

ދެ ބޭފުޅުންގެ މި ފޯނު ކޯލުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.


މި ފޯނު ކޯލުގައި ތުރުކީގެ ރައީސް އުރުދުޣާން ވަނީ މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އަޑުއުފުލަމުންދާއިރު، ދިވެހިންވެސް އަންނަނީ މި އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ފައިސާ އެއްކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.