ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން އިއުލާން ކޮށްފައިވާ ކޮމާޝަލް ސަބްސިޑިއަރީ އުފެއްދުމުގެ ޕްލޭނަށް ތާއިދުކުރާ މެމްބަރު ގައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ލިބޭނެކަމަށް އިންފަންޓީނޯ ބުނެފި އެވެ.
ފީފާ އިން މެމްބަރު ގައުމުތަކަށް ފޮނުވާފައިވާ ލިއުމެއްގައި ބުނެފައިވާ ގޮތުން އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަމަށް ތާއިދުކުރާ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އެޑްވާންސްގެ ގޮތުގައި ލިބިގެންދާނެއެވެ.
ފީފާއިން ބުނާގޮތުގައި އެޖަމްއިއްޔާއިން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތައް ކަމަށްވާ ފުޓްބޯޅަ ހިންގުމާއި، މުބާރާތްތައް ރޭވުމާއި، މެޗުތަކުގެ ކަލަންޑަރާއި އަދި ކުޅިވަރާއި ގުޅުންހުރި ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު ކުރިއަށް އޮތްތާނގައިވެސް އޮންނާނީ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ އެޖަމްއިއްޔާގެ އަތުގައެވެ.
ނަމަވެސް މިކަމާއި ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާ އިން ވަނީ ތެދުވެ އެކަމާއި ދެކޮޅަށް މަސައްކަތް ފަށާފަ އެވެ. އެގޮތުން ޔޫއެފާ އިން ބުނެފައިވަނީ މިހުށަހެޅުމާއެކު ފީފާއިން މިވަނީ ފުޓްބޯޅަ ހިންގާ އެއްވެސް އިދާރާއަކުން ހުރަސް ކުރަން ނުޖެހޭ ރޮނގެން ހުރަސްކޮށްފައެވެ.
ޔުއޭފާއިން ބުނީ އެއިދާރާއިން މިއަންނަނީ މިކަން ވަރަށް ސީރިއަސްކޮށް ބަލަމުން ކަމަށާއި އަދި ފީފާގެ މެންބަރު ހުރިހާ އެސޯސިއޭޝަންތަކުންވެސް މިކަމާ މެދު ސަމާލުވާން ޖެހޭކަމަށާއި ލީގުތަކާއި ކްލަބް ތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ސަރުކާރުތަކާއި އަދި ކުޅިވަރުގެ ކުރިމަގަށް ހެޔޮއެދޭ އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށެވެ.
ޔުއޭފާއިން ބުނީ ފުޓްބޯޅައިގެ ރޫހާއި ހިންގުމަކީ ވިޔަފާރިކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ޚާއްސަކޮށް މިކަމުން މާލީ ގޮތުން ފައިދާވަނީ ކޮން ބަޔަކަށްކަން އެއްވެސް ގޮތަކަށް ސާފުނުވާކަމަށެވެ. އަދި ފުޓްބޯޅައިގެ މިލްކުވެރިކަން އެއްވެސް ފަރާތަކަށް ނުލިބޭ ހާލު އެވިއްކުމުގެ އިޚްތިޔާރު ފީފާއަށްވެސް ލިބިގެން ނުވާކަމަށް ޔުއޭފާއިން ހާމަކުރިއެވެ.
މީޑިޔާއަށް ލީކުވެފައިވާ މި ސިޓީގައި ބުނެފައިވާ ގޮތުން މިކަމަށް އެއްބަސްވާ މެމްބަރު އެސޯސިއޭޝަން ތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ލިބޭނެ އެވެ.
މިކަމާއި ގުޅޭ ގޮތުން ޔޫއެފާއިން ބުނެފައިވަނީ މި ސިޓީއާއިއެކު އިންފަންޓީނޯގެ ވިސްނުން ހުރި ގޮތް ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.