ޚަބަރު

އޮލިސޭގެ ދެ ލަނޑާއެކު ބެލްޖިއަމް އަތުން ފްރާންސް މޮޅުވެއްޖެ


ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި މައިކަލް އޮލިސޭ ޖެހި ދެ ލަނޑާއެކު ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވެއްޖެއެވެ.

ގްރޫޕް 1 ގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވުމާއިއެކު އެ ޓީމަށްވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 4 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފައެވެ. ބެލްޖިއަމް އަށް ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

ޕެރިހުގެ ސްޓޭޑް ޑި ފްރާންސްގައި 75 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފްރާންސްއިން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ގޯލު ހުޅުވާލެވޭގޮތް ނުވެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބެލްޖިއަމްއިންނެވެ. އެއީ މެޗުގެ 35 ވަނަ މިނިޓުގައި ޑޯޑީ ލޫކެބާކިއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ދެވަނަ ހާފަށް ނިކުތްއިރު 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮތުމާއިއެކު މި ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކޯޗު ޒިނެޑިން ޒިދާންވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނިޓުގައި އޭނާވަނީ މައިކަލް އޮލިސޭ އާއި ރަޔާން ޗާކީ ކުޅެން އަރުވާފައެވެ.

ފްރާންސް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ޑެސިރޭ ޑޫއޭ ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.

މި މެޗުގައި ފްރާންސް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނި މެޗުގެ 81 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ދިން ޕާހަކުން ރަޔާން ޗާކީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފްރާންސް އިން މި މެޗުގައި ޖެހި ފަހު ދެ ލަނޑަކީ މެޗުގެ 88 ވަނަ މިނިޓާއި 91 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ކާމިޔާބުކޮށްދީފައިވާ ދެ ލަނޑެވެ. މި ދެ ލަނޑާއެކު އޮލިސޭ މި އަހަރުގެ ތެރޭގައި ފްރާންސްއަށް ކުޅެދިން 16 މެޗުގައި ވަނީ ޖުމްލަ 17 ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ.