ޚަބަރު

ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްސަ ހަދިޔާ ޕެކެއް


  • ހަދިޔާ ޕެކްގައި 12 މަސްދަޅު ހިމެނޭ

  • ހަދިޔާ ޕެކް 221 ރުފިޔާއަށް ލިބެން ހުންނާނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ މަގުބޫލު 'ފަސްމީރު' ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފިއެވެ.

މި ޕްކޭޖަކީ އާއިލާއާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯއިން މަޢުލޫމާތުދޭ ގޮތުގައި، ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކްގައި ފަސްމީރު ބްރޭންޑުގެ ހަތަރު ރަހައެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަނޑުމަސް ގިތެޔޮ މިރުހާއެކު، ކަނޑުމަސް ލުނބޮޔާއި މިރުހާއެކު، ކަނޑުމަސް އަސޭމިރުހާއެކު އަދި ކަނޑުމަސް ހިކި މިރުހާއެކުއެވެ. ކޮންމެ ވައްތަރަކުން ތިން ދަޅު މި ޕެކޭޖުގައި ހިމެނޭނެއެވެ.

މިފްކޯއިން ވިދާޅުވީ, ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް މިހާރު 221 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން، ހަދިޔާ ލިބޭ ފަރާތުގެ ނަން ޖަހައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕެކަކީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިފްކޯއިން ވިދާޅުވީ, ފަސްމީރު ބްރޭންޑުގެ ފެންވަރު ރަގަޅު އުފެއްދުންތަކުގެ އެކި ރަހަތައް ހިމެނޭހެން ތަޢާރަފުކުރި މި ހަދިޔާ ޕެކަކީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އައު އީޖާދުތަކާއެކު ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މީގެ ބޭނުމަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމެވެ.

ފަސްމީރުގެ މީރު ރަހަތައް ހިމެނޭ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ.