ދުނިޔޭގެ އެކި ހިސާބުތަކުގައި ޤައުމުތަކުގެ މެދުގައި އަސްކަރީ ކުރިމަތިލުންތަކާއި ދެބަސްވުންތައް އިންތިހާއަށް ބޮޑުވެ، މުޅި ދުނިޔެ ނުތަނަވަސްކަމަކާއި ހަލަބޮލިކަމެއްގެ ތެރޭގައި އޮތް އިރު، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިން މިއަހަރުގެ އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް، އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
ވިލާތާއި މެދުއިރުމަތީގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމަތަކާއި، ދުނިޔޭގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ނިޒާމަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކާއެކު، ދުނިޔޭގެ އިސްވެރިން ނިއުޔޯކަށް ވަޑައިގަންނަވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ތަފާތު އަދި ނާޒުކު ޙާލަތެއްގެ ތެރެއިންނެވެ.
"ދުނިޔޭގެ ލީޑަރުން އދއަށް އެއްވެވަޑައިގަންނަވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި،" އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭސް ދާދިފަހުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
"ދުނިޔޭގެ ބާރުތަކުގެ ތިލަފަތް ދަނީ ބަދަލުވަމުން. ދުނިޔެ ބަދަލުވަމުންދާއިރު، އަޅުގަނޑުމެންގެ ބައިނަލްއަޤުވާމީ މުއައްސަސާތަކަށްވެސް އެ ބަދަލުތައް ގެންނަންޖެހޭ."
ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުކުރުމަށް އެމެރިކާއިން ވެނެޒުއޭލާގެ ފަސްގަނޑުގައި ހިންގި އަސްކަރީ އޮޕަރޭޝަނާއި، އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތައް ހާސް ރައްޔިތުން ނުކުމެ ކުރި އިހުތިޖާޖުތައް ހުއްޓުވުމަށް ހިންގި އަނިޔާވެރި ޢަމަލުތައް ވަނީ ފެނިގެން ގޮސްފައެވެ. އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން، އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓި، ކަނޑުގެ ދަތުރުފަތުރުގެ މުހިންމު މަގުތައްވެސް ވަނީ ބަންދުވެފައެވެ.
މީގެއިތުރުން، ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަތަރު އަހަރު ފުރިގެންދިޔައިރުވެސް، ހަނގުރާމަ ހުއްޓުމަކަށް އަންނާނެ އެއްވެސް އަލިމަގެއް ނުފެނެއެވެ. ދެފަރާތުންވެސް އަސްކަރީ ހަމަލާތައް ވަރުގަދަކުރަމުންދާއިރު، ސުލްޙަ ގާއިމުކުރުމަށް ކުރެވުނު ޚާރިޖީ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.
ހަމައެއާއެކު، މި އަހަރުގެ މޭ މަހު ކޮންގޯއާއި ޔުގަންޑާގައި އިބޯލާ ވައިރަސް ފެތުރުމާ ގުޅިގެން، ކުރިމަތިވެދާނެ އާލަމީ ވަބާއަކަށް ދުނިޔެ ތައްޔާރުވެފައިވާ މިންވަރާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި ވެނެޒުއޭލާއާއި ކޮލަމްބިއާއަށް އައި ބާރުގަދަ ބިންހެލުންތަކާއި، ނޭޕާލާއި ޓިބެޓަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުން ދައްކުވައިދެނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމެވެ.
އދގެ އަހަރީ ބައްދަލުވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ މިހާރާއި ކުރީގެ ޚާރިޖީ އިސް ބޭފުޅުންނާއި ވަޒީރުން ވަނީ، ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އދގެ 193 މެންބަރު ޤައުމަށް މިކަންކަމަށް ޙައްލެއް ހޯދައިދެވިދާނެކަމާމެދު އޮތް ކަންބޮޑުވުންތައް ޙިއްސާކުރައްވާފައެވެ. މި ބޭފުޅުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫހަށް މަޢުލޫމާތު ދެއްވާފައިވަނީ ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިންނެވެ.
"މިއީ މި މައްސަލަތަކަށް ޚާރިޖީ ދާއިރާއިން ޙައްލެއް ހޯދުމަށް މަސައްކަތްކުރަންވީ އެންމެ މުހިންމު ވަގުތު،" އެމެރިކާގެ ދެ ވެރިކަމެއްގައި އދގެ މިޝަންގައި ޚިދުމަތް ކުރެއްވި ކުރީގެ ސަފީރު ރޮބަޓް ވުޑް ވިދާޅުވިއެވެ.
ވިލާތުގެ އިސް އޮފިޝަލުންވެސް މި ވާހަކަތަކަށް ތާޢީދުކުރައްވަމުން ފާހަގަކުރެއްވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯލެނބުން ކުޑަވަމުންދާ ކަމަށާއި، ޤައުމުތަކުގެ މެދުގައި ސުލްޙަވެރި ޙައްލުތައް ހޯދުމަށް ކުރާ މަސައްކަތްތައް މަޑުޖެހިފައިވާ ކަމެވެ. އަދި މޫސުމީ މައްސަލަތަކާއި ދުނިޔޭގެ ސުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމުގައި އެއްބަސްވުންތަކަށް އައުން އިންތިހާއަށް ދަތިވެފައިވާ ކަމެވެ.
މއާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިއާން ދެއްވާ ތަޤުރީރުތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓޭނެއެވެ. މީގެއިތުރުން، ބައްދަލުވުމުގެ ހަވާސާގައި ބާއްވާ މަޝްވަރާތަކުގައި ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާއި، ހަލުއިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކޮންޓްރޯލްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުން އުންމީދުކުރާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ގަލްފުގެ ޤައުމެއްގެ އޮފިޝަލަކު ވިދާޅުވީ ދުނިޔޭގެ މަސްރަޙުގައި ކުރިން އޮތް ހަމަޖެހުމާއި، ކަންކަން ދުރާލާ ލަފާކުރަން އެނގޭފަދަ ޙާލަތަކަށް އަލުން ރުޖޫއަވުމަކީ އެންމެ ބޮޑު އެދޭ އެދުން ކަމަށެވެ.
"ބައިނަލްއަޤުވާމީ ގުޅުންތަކުގައި ހުރިހާ ކަމެއްވެސް ދަނީ ބަދަލުވަމުން. ޤައުމުތަކުގެ އެކުވެރިކަމާއި އިއްތިޙާދުތައްވެސް ބަދަލުވަމުން އެބަދޭ،" ސްލޮވީނިއާގެ ޚާރިޖީ ވަޒީރު ޓޯން ކައިޒަރ ވިދާޅުވިއެވެ.
"ނަމަވެސް ބަދަލުނުވެ އޮތް ހަމައެކަނި ކަމަކީ ޤައުމުތަކުގެ މަސްލަހަތު. މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ކަމަކީ، ދާއިމީކޮށް ހަނގުރާމަ ކުރުމުގެ ބަދަލުގައި ސުލްޙަވެރިކަމާއެކު ދިރިއުޅުމަށްޓަކައި އެ މަސްލަޙަތުތައް އެއްގޮތްކުރާނެ ގޮތްތަކެއް ހޯދުން."