މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭ ގޮތަށް ކަންކަން އިންތިޒާމުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޭނުން ކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްގެ ނޭޝަން ޗެޓް ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕޯޓު ތަރައްޤީކުރުމަކީ ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް އޮތް އެންމެ މުހިންމު މަސައްކަތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކަނޑައެޅިފައިވާ ތާވާލާއި އެއްގޮތަށް މިމަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއެކު ޖާގަ ތަނަވަސްވެ، މުދާ ބަރުކުރުމާއި ބޭލުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. .
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރާއިރު މުޅި އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލު ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕޯޓުގެ ބައެއް ޚިދުމަތްތައް ތިލަމާލެ ބްރިޖު މާލެއާ ގުޅޭ ސަރަހައްދުގައި އާއި އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމްކޮށް ގާއިމްކުރާ އިންތިޒާމްތަކެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ތިލަފުއްޓަށް މި ބަދަލުވަނީ މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނެ. ދެން މާލެ ކޮޅު ބްރިޖް ގޮސް ނިމެނީ އިންޑަސްޓްރިއަލް ވިލެޖަށް. ދެން އިންޑަސްޓްރިއަލް ވިލެޖުގެ އެއް ބައި މިކަނޑައަޅަނީ ޕޯޓުގެ ދެން ހުރި މަސައްކަތްތަކަށް. އެހެންވީމަ މިހާރު މާލޭ ޕޯޓުގައި މިހިނގާ ބައެއް ކަންކަމަކީ އިންޑަސްޓްރިއަލް ވިލެޖުގައި، ޓީޖެޓީއާއި މި ސަރަހައްދުގައި ޕްލޭން ކުރެވިގެން ހަމަޖެހިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، މިހާރު ވިޔަފާރި ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެ ކަމަށާއި ހުރިހާ ކަމެއްވެސް ކުރާނީ އިންޑަސްޓްރިއަލް ވިލެޖު އަދި ތިލަފަށީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށި ކަމުގައިވިއަސް ޕޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެކަމަށާއި، ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީ (ރޯލް އޮން-ރޯލް އޮފް ފެރީ) ޚިދުމަތްވެސް ދޭ ގޮތަށް އޮޕަރޭޝަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށީގައި އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް ލުއިތަކެއް ދޭނެ ކަމަށެވެ.
ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ބަދަލުކުރާއިރު، މުޅި އޮޕަރޭޝަން ކުރިއަށްދާނީ ޑިޖިޓަލައިޒް ކުރެވިގެން ކަމަށާއި މިކަމުން ރައްޔިތުންގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ބެކްބޯން އެއްކޮށް ޑިޖިޓަލައިޒް އޮޓޮމޭޝަން ވަރަށް ބޮޑަށް ގެންގުޅޭނެ. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ އެފިޝެންސީ އެޗީވް ވާނެ. އިރާދަކުރެއްވިއްޔާ ވަރަށް ވަގުތު ސަލާމަތް ކުރެވޭނެ. މިފަދަ އެތައް ކަމެއް ކުރެވޭނެ. އެހެންވީމަ ސްޓޭޓް އޮފް ދަ އާޓް މޮޑަން ޕޯޓެއް ޤާއިމް ކުރެވި ވަސީލަތާއި ޚިދުމަތުގެ ގޮތުން ފުރިހަމަ ތަނަކަށްވީމަ ތަކެތީގެ އަގު ކުޑަވެ، ރައްޔިތުންނަށް ފަސޭހަވެ ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ފުޅާވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން މަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކުރެވިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ތިލަފުށީ ބަނދަރު ހަދާ ސަރަހައްދަކީ މިހާރުގެ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ބިމެއްގައި ތަރައްޤީކުރާ ބަނދަރެކެވެ. މިހާރު މާލެ ވިޔަފާރި ބަނދަރުގައި ބޭނުން ކުރާ މަގަތުފާލަމަށްވުރެ ތިލަފުށީގައި ތަރައްޤީ ކުރާ މަގަތުފާލަން 3 ގުނަ ދިގުވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.